ނިއު ޒީލަންޑްގެ ކުރީގެ ކެޕްޓަން ކޭން ވިލިއަމްސަނަށް އިންޑިއާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ޓެސްޓް މެޗުގައިވެސް ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ކްރިކެޓް އެސޯސިއޭޝަނުން ބުނެފިއެވެ.
މިހާރު އިންޑިއާގައި ކުރިއަށްދާ ޓެސްޓް ސީރީޒްގެ ފުރަތަމަ މެޗުގައި ނިއު ޒީލަންޑުން ވަނީ ތާރީޚީ މޮޅެއް ހޯދައިފައެވެ. އެ ޓީމުން ވަނީ 36 އަހަރުގެ ތެރޭގައި އިންޑިއާގައި ޓެސްޓް މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެފައެވެ.
މި މަހުގެ 16 ވަނަ ދުވަހު ފެށި ޓެސްޓް ސީރީޒް އަށް އިންޑިއާ އަށް ކުރި ދަތުރުގައި އަނިޔާގެ ސަބަބުން ވިލިއަމްސަން ބައިވެރިނުވެއެވެ.
ވިލިއަމްސަންގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، އެންމެ ފަހުން ސްރީ ލަންކާއާ ދެކޮޅަށް ނިއު ޒީލަންޑް ކުޅުނު ސީރީޒްގައެވެ.
ވިލިއަމްސަން ވަނީ މިހާތަނަށް ނިއު ޒީލަންޑަށް ކުޅެދިން 102 ޓެސްޓް މެޗުގެ 180 އިނިންގްސްގައި 8881 ލަނޑުހަދައިފައެވެ. ޓެސްޓް ކްރިކެޓްގައި މިހާތަނަށް 32 ސައްތަ ހަދާފައިވާއިރު، 35 ބައިސައްތަ ހަދާފައިވެއެވެ.
އަދި، އެއްދުވަހުގެ ބައިނަލްއަގުވާމީ 165 މެޗުގައި އޭނާ ވަނީ 6810 ލަނޑުހަދައިފައެވެ. އޭގެތެރޭގައި 13 ފަހަރު ސައްތަ ހެދިއިރު، 45 ބައިސައްތަ ހަދާފައިވެއެވެ. މީގެއިތުރުން، ޓީ20 އިންޓަނޭޝަނަލް 90 އަށްވުރެ ގިނަ މެޗު ކުޅެ، 2500 އަށްވުރެ ގިނަ ލަނޑުހަދައިފައިވެއެވެ.
"އަހަރެމެން މިދަނީ ކޭންގެ ހާލަތު ވަރަށް ރަނގަޅަށް މޮނީޓަރކުރަމުން، ހުރިހާ ކަމެއް ދަނީ އެންމެ ރަނގަޅަށް. އެކަމަކު، އަދި އޭނާ އެއްކޮށް ފިޓެއްނުވޭ." ނިއު ޒީލަންޑުން ނެރުނު ނޫސް ބަޔާނެއްގައި ކޯޗު، ގެރީ ސްޓީޑް ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މިހާރުގެ ހާލަތު ރަނގަޅުވެ، އިންޑިއާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ޓެސްޓް މެޗުގައި ވިލިއަމްސަން އަށް ކުޅެވޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ވެސް ސްޓީޑް ބުންޏެވެ.
އަދި، އެ ކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދޭނެ ކަމަށާއި، ވަރަށް ފަރުވާތެރިވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ސްޓީޑްގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާ އާ ދެކޮޅަށް ނިއު ޒީލަންޑުން ދެވަނަ ޓެސްޓް މެޗުގައި ނިކުންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އަދި މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ޓެސްޓް މެޗު އޮތީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައެވެ.