ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ގްރީސްގެ ޕެނަތިނައިކޯސްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ގްރީސްގައި ކުޅުނު މި މެޗުގެ ކުރިން ވަނީ ޕެނަތިނައިކޯސްގެ ކުރީގެ ޑިފެންޑަރު ޖޯޖް ބޮލްޑޮކް، މި މަހުގެ ކުރީކޮޅު މަރުވެފައިވާތީ އޭނާގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފައެވެ. މިއީ މި މަހުގެ ނުވަވަނަ ދުވަހު ބޮލްޑޮކް މަރުވި ފަހުން އެ ކްލަބުން އަމިއްލަ ދަނޑުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. މި މެޗު ފެށުމުގެ ކުރިން ޕެނަތިނައިކޯސްގެ ކުޅުންތެރިން ވޯމްއަޕް ކޮށްފައިވަނީ އޭނާގެ ނަމާއި ޖާޒީ ނަމްބަރު ޖަހާފައިވާ ހާއްސަ ޖާޒީއެއް ބޭނުންކޮށްގެންނެވެ.
ކޮންފަރެންސް ލީގުގެ ދެވަނަ މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގައި އެންމެ ފަހުން ލިވަޕޫލް އަތުން ޗެލްސީ ބަލިވި މެޗަށް ނިކުތް ފުރަތަމަ ޓީމުގެ ބަދަލުގައި މުޅިން އައު ޓީމެއް މި މެޗަށް ނެރެފައެވެ. މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާ ގޮތުން ގިނަ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހިފައިވާތީ، ޗެލްސީގައި އޮތް ވަރުގަދަ ބޮޑު ސްކޮޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކޯޗު މަރެސްކާ ދަނީ ހިފަމުންނެވެ.
މި މެޗުގެ 22 ވަނަ މިނިޓުގައި ޗެލްސީގެ ޖޯއާއޯ ފެލިކްސް ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ މިޚައިލޯ މުޑްރިކްގެ އެސިސްޓަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި އެންމެ ލަނޑެއް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މުޑްރިކް ވަނީ ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ޗެލްސީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ފެލިކްސް ކާމިޔާބުކޮށްދީފައިވާއިރު, އޭގެ ހަތަރު މިނިޓް ފަހުން ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެންކުންކޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ޕެނަތިނައިކޯސްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެލިސްޓްރީއެވެ.