ޚަބަރު

އާސެނަލާއި ލިވަޕޫލް ބައްދަލުކުރާއިރު ދެ ޓީމަށްވެސް އަނިޔާގެ މައްސަލަ


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލާއި ލިވަޕޫލް މާދަމާ ބައްދަލުކުރާ މެޗަށް ދެ ޓީމު ތައްޔާރުވަމުންދާއިރު، ދެ ޓީމަށްވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ދެ ޓީމުގެ ކޯޗުންވެސް ބުނެފިއެވެ.

ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައިވަނީ މާދަމާ އާސެނަލް އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމުގެ ފޯވަޑް ޑިއެގޯ ޖޮޓާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް މި މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

ޖޮޓާ އަށް އަނިޔާ ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ލީގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ޖަރުމަނުގެ ލެއިޕްޒިގް އަތުން ލިވަޕޫލް މޮޅުވި މެޗުގައިވެސް ޖޮޓާ ކުޅެފައެއް ނުވެއެވެ.

އަނިޔާގެ ސަބަބުން ޖޮޓާ އަށް މި މެޗުގައި ނުކުޅެވޭއިރު ލިވަޕޫލްގެ ޑިފެންޑަރ ފެޑެރީކޯ ކިއޭސާ އާއި ކޮނޯ ބްރޭޑްލީ އަށް ވެސް ލިވަޕޫލް އާއި ދެކޮޅަށް ނުކުޅެވޭނެ އެވެ. އަދި މިމަހުގެ ކުރީކޮޅު ކީޕަރު އެލިސަން އަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް އޭނާ ހުރީ ކުޅުމާއި ދުރުގައެވެ.

އަނެއްކޮޅުން އާސެނަލް އިން މި މެޗަށް ތައްޔާރުވާއިރު އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ ބުކަޔޯ ސަކާ އާއި ރިކާޑޯ ކަލަފިއޯރީގެ އިތުރުން ޖުރިއެން ޓިމްބަރ އަށް ވަނީ އަނިޔާވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ރަތް ކާޑު ދައްކާފައިވާ ވިލިއަމް ސަލީބާ ވަނީ މި މެޗަށް ސަސްޕެންޑް ވެފައެވެ.

އަނިޔާގެ މައްސަލަ ބޮޑުވެފައިވީ ނަމަވެސް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ އެ ކުޅުންތެރިން ނެތްތަން ފޫބެއްދޭނެ ކަމަށެވެ.

އާސެނަލް އާއި ލިވަޕޫލް އެންމެ ފަހުން ބައްދަލުކުރި ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެފައިވާއިރު އާސެނަލް ވަނީ އެއް މެޗުން މޮޅުވެފަ އެވެ.