ޕީއެސްޖީގެ ކުރީގެ ފޯވާޑް ކިލިއަން އެމްބާޕޭގެ މުސާރައިގެ މައްސަލަ އެމްބާޕޭ ކޮޅަށް ނިމުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ޕީއެސްޖީން ނިންމައިފިއެވެ.
އެމްބާޕޭ އާއި ޕީއެސްޖީ އާއި ދެމެދު މުސާރައިގެ މައްސަލައެއް ޖެހިފައިވަނީ މިދިޔަ އަހަރު އެމްބާޕޭ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެ އެއްބަސްވުން އައު ކުރަން އޭނާ ދެކޮޅު ހެދުމާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގަ އެވެ.
މި މައްސަލައިގެ ތެރޭގައި ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އެމްބާޕޭ ވަނީ އޭނާއަށް އެ ކްލަބުން މުސާރައިގެ ގޮތުގައި 59.52 މިލިއަން އެމެރިކާ ޑޮލަރު ދޭން ޖެހޭކަމަށް ބުނެފައެވެ. އަދި މި މައްސަލަ އެމްބާޕޭ ބުނާ ގޮތަށް އެލްއެފްޕީ އިން ވަނީ ނިންމާފަ އެވެ.
މުސާރައިގެ މައްސަލަ ފްރެންޗް ފުޓްބޯލް ލީގުން ބެލުމަށްފަހު އެ މައްސަލަ އެ ގޮތަށް ނިންމާފައިވާއިރު މިދިޔަ މަހު އެލްއެފްޕީ އިން ވަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އެ ފަރާތުން އަދާކޮށްދޭން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް އެމްބާޕޭ ވަނީ ދެކޮޅު ހަދާފަ އެވެ.
މި މައްސަލަ އެމްބާޕޭ އާއި އެއްކޮޅަށް ނިންމާ އޭނާއަށް ދޭން ޖެހޭ މުސާރަ ދިނުމަށް އަންގާފައިވާއިރު ޕީއެސްޖީ އިން ބުނެފައިވަނީ މިކަމުގައި ދެފަރާތަށް އެއްބަސްވެވޭ ރަގަޅު ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށާއި އަދި އެފަދަ ހައްލެއް ނުލިބިއްޖެނަމަ ކޯޓަށް ދާނެ ކަމަށެވެ.
މި މައްސަލައިގައި އެމްބާޕޭގެ ފަރާތުން އެއްވެސް ކޮމެންޓެއް ހާމަކޮށްފައިނުވާއިރު މިދިޔަ ޖެނުއަރީ މަހު އެމްބާޕޭ ބުނެފައިވަނީ އޭނާ އާއި ޕީއެސްޖީގެ ޗެއަރމަން ނާސިރު އަލް ޚެލައިފީ އާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް ދެފަރާތަށްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.