ޚަބަރު

ތުރުކުމެނިސްތާންގެ އަރްކަޑަގުން ފަހަތުން އަރައި މާޒިޔާ ބަލިކޮށްފި


އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން ބަލިވެއްޖެއެވެ.

އޭއެފްސީން މި ފަހަރު އަލަށް ފެށި ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ވާދަކުރަމުން އަންނައިރު، އެ ޓީމުގެ ހިމެނޭ ގްރޫޕް ބީގެ މެޗުތައް ކުރިއަށްދަނީ ސެންޓްރަލައިޒްކޮށްގެން ކުވެއިތުގައެވެ. އަލް ކުވެއިތު ސްޕޯޓްސް ކުލަބުގައި މިރޭ ކުޅުނު މެޗު އަރްކަޑަގުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މި ހާފުގެ ފަހު މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފަލަސްތީނުގެ މިޑްފީލްޑަރު ޖޮނަތަން ކެންޓިލާނާއެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި އަރްކަޑަގުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޑިޑާ ޑުރްޑިއޭވް ވަނީ އަރްކަޑަގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލަކަށް ކުޅެން އެރިތާ ހަ މިނެޓު ފަހުންނެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އަރްކަޑަގުން ފަހަތުން އަރައި ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންނަޑުރްޑިއޭވްއެވެ.

ޗެލެންޖް ލީގުގެ ގްރޫޕް ބީގައި މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ތުރުކުމެނިސްތާންގެ އަރްކަޑަގުގެ އިތުރުން ކުވެއިތުގެ އަލް އަރަބި ސްޕޯޓްސް ކުލަބާއި، ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ. މި މުބާރާތުގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ އަލް އަރަބީއާ ދެކޮޅަށެވެ.

ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއްވަނައަށް ދާ ޓީމުތަަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، ދެން ކުއާޓާއަށް ދަތުރުކުރާނީ އެ ތިން ގްރޫޕުގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.