ޚަބަރު

ނާޕޮލީން ލީޑު ދެމެހެއްޓިއިރު، އެޓަލާންޓާއަށް ބޮޑު މޮޅެއް


އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ލެއްޗޭ ބަލިކޮށް ތާވަލުގެ ކުރީގައި ނާޕޮލީން ލީޑު ދެމެހެއްޓިއިރު، ހެލާސް ވެރޯނާ އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެޓަލާންޓާ މޮޅުވެއްޖެއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ނާޕޮލީ މޮޅުވި ހަތަރުވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ ލީގުގެ ފުރަތަމަ ދުވަހު ވެރޯނާ އަތުންނެވެ.

ޑިއޭގޯ އާރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާޕޮލީގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ އެވެ. އޭގެކުރީން، ޑި ލޮރެންޒޯ ކާމިޔާބުކުރި ގޯލެއް ވީއޭއާރް އިން ބެލުމަށްފަހު ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ނާޕޮލީ އޮތީ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ލެއްޗޭ އޮތީ ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އެޓަލާންޓާގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ރެޓޭގީ އާއި އަޑެމޯލާ ލުކްމަން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، އެ ޓީމުގެ ކެޕްޓަން، މާޓެން ޑެ ރޫން އާއި ޗާލްސް ޑެ ކެޓެލާރޭ އެވެ. ވެރޯނާގެ ހަމައެކަނި ލަނޑުޖަހައިދިނީ އަމީން ސާރ އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާންގެ ދަނޑުގައި ޔުވެންޓަސްއާ ބައްދަލުކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދިހައެއް ޖަހާއިރު އެވެ.