ޚަބަރު

ބްރޭމަން އާއި ލެވަކޫސަން އެއްވަރު، ފްރެއިބާގް އަތުން ޑޯޓްމުންޑް ބަލިވެއްޖެ


ޖަރުމަން ލީގުގައި ރޭ ރަށުން ބޭރުގައި ވާޑާ ބްރޭމަން އާއި ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ފްރެއިބާގް އަތުން 2-1 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ލެވަކޫސަން އޮތީ އަށް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެ ޓީމާ އެންމެ ކުރީގައި އުޅޭ އާރްބީ ލީޕްޒިގާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 17 ޕޮއިންޓެވެ. ބްރޭމަން ވަނީ އަށް މެޗުން 12 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ނުވަވަނަ އަށް ޖެހިލައިފައެވެ.

ބްރޭމަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ލެވަކޫސަނުން ލީޑްނެގީ ނައިޖީރިއާގެ ފޯވާޑް، ވިކްޓަ ބޮނިފޭސް ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ނެދަލެންޑްސް ވިންގްބެކް، ޖެރެމީ ފްރިމްޕޮންގް އެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ލެވަކޫސަން ކުރީގަ އޮވެގެންނެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ބްރޭމަން އަށް އެއްވަރުކޮށްދިނީ ހޫލިއަން މަލާޓިނީ ދިން ބޯޅައަކުން މާވިން ޑަކްޝް އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ. އޭގެ ތިން މިނެޓުފަހުން، ބްރޭމަންގެ ފެލިކްސް އަގޫ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ލެވަކޫސަން އަނެއްކާވެސް ލީޑްނެގިއެވެ.

މި މެޗުގައި ބްރޭމަން އިން ދެވަނަ ފަހަރަށް އެއްވަރުކުރި ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮމާނޯ ޝްމިޑް އެވެ. މިއީ އެ ޓީމުގެ ފޯވާޑް، ޖަސްޓިން ނިންމާ ތަނަވަސްކުރި ފުރުޞަތަކުން ޝްމިޑް ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އައުސްބާގްގެ ދަނޑުގައި ޑޯޓްމުންޑް އަތުން އެ ޓީމު މޮޅުވިއިރު، ދެލަނޑުވެސް ޖަހައިދިނީ އަލެކްސިސް ކްލައުޑީ އެވެ. ޑޯޓްމުންޑުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޑޮންޔެލް މަލެން އެވެ. މި މެޗުގެ އިތުރުވަގުތުގައި ޑޯޓްމުންޑްގެ ޒުވާން ޑިފެންޑަރު، އަލްމުގެރާ ކަބާރް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ބޯކުމްގެ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅެންޖެހޭ މެޗު ފާހަގަކޮށްލެވެއެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.