އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ކޯލް ޕާމާ ދެއްކި މޮޅު ކުޅުމާއެކު 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ނިއު ކާސަލް ޔުނައިޓެޑް އޮތީ 9 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި ނިކޮލަސް ޖެކްސަން ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ނިއުކާސަލްގެ ކުޅުންތެރިން ކުރިއަށް އަރާ ތިބި ވަގުތެއްގައި މެދުތެރެއިން ޕާމާ ދިން ބޯޅައެއް ޕެޑްރޯ ނެޓޯ އޭރިޔާ ތެރެއަށް ހުރަސް ކުރި ވަގުތު އޭރިޔާ ތެރޭގައި ހުހަށް ހުރެ ނިކޮލަސް ޖެކްސަން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ.
ނަމަވެސް އޭގެ 14 މިނިޓް ފަހުން ނިއުކާސަލްގެ އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޗެލްސީން މި މެޗުގައި ޖެހި ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯލް ޕާމާ އެވެ. މިއީ ލީގުގައި އޭނާ ކުޅުނު 9 މެޗުގައި ޖެހި ހަތްވަނަ ލަނޑެވެ.
މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކުރުމަށް ނިއުކާސަލް ޔުނައިޓެޑަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ދެވަނަ ހާފްގައި އެ ޓީމުގެ ފޯވަޑް އިސާކް ޗެލްސީގެ ކީޕަރު ކަޓުވާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރިން ޗެލްސީގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފަ އެވެ.