ޚަބަރު

އާސެނަލާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި މުޙައްމަދު ސަލާހު ކާމިޔާބުކޮށްދިން ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި އާސެނަލްގެ ބުކަޔޯ ސަކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ސަކާ ޖެހި 50 ވަނަ ލަނޑެވެ.

ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި ދެވަނަ ފަހަރަށް އެ ޓީމުން ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އާސެނަލް އަށް ލިބުނު ހިލޭ ޖެހުމެއް ޑެކްލަން ރައިސް ފޮނުވާލުމުން އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖާހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެރީނޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުން ރަގަޅު ކޮށްފައިވާއިރު މި މެޗުން އެ ޓީމަށް ޕޮއިންޓެއް ކަށަވަރު ވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް މުހައްމަދު ސަލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ލިވަޕޫލްއަށް ނުވަ މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައިވާއިރު އާސެނަލް އޮތީ ނުވަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ.