ޚަބަރު

ބޮޑު މޮޅާއެކު ބަޔާން އަލުން އެއްވަނައަށް


ޖަރުމަން ލީގުގައި ރޭ ރަށުން ބޭރުގައި ބޯކުމް އަތުން 0-5 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު، ބަޔާން މިއުނިކް އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަޔާން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އޭގެކުރީން، އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ދެމެޗުން ބަލިވިއިރު، އަނެއް ދެ މެޗުން ވީ އެއްވަރެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގައި އެއްވަނައިގައި އުޅޭ ބަޔާނަށް މިހާތަނަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ދެވަނައިގައި އާރްބީ ލީޕްޒިގު އޮތްއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އެވެ. ހަތަރެއްގައި އޮތް ޔޫނިއަން ބާލިން އަށް ވެސް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ލެވަކޫސަން އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ބޯކުމްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 16 ވަނަ މިނެޓުގައި ބަޔާނުން ލީޑްނެގީ މައިކަލް އޮލީސޭ ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 10 މިނެޓުފަހުން، ބަޔާންގެ ދެވަނަ ލަނޑުޖަހައިދިނީ ޖަމާލް މުސިއާލާ އެވެ.

މި މެޗުގެ ކުރީކޮޅު ބޯކުމް އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގެ އިތުރުން އެ ޓީމަށް ބަޔާނަށް އުނދަގޫތަކެއް ކުރިމަތިކުރެވިފައިނުވާއިރު، ފުރަތަމަ ހާފު ނިމުނީ 2-0 އިން ބަޔާން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި، މެޗުގެ 58 ވަނަ މިނެޓުގައި މުސިއާލާ ދިން ބޯޅައަކުން ހެރީ ކޭން ވަނީ ބަޔާންގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ކޭން ޖެހި ނުވަވަނަ ގޯލެވެ. މިއާއެކު، ކޭން ވަނީ ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއިންޓްރަކްޓް ފްރޭންކްފާޓްގެ އޮމާރް މަރްމޫޝްއާ އެއްވަރުކޮށްފައެވެ.

މެޗުގެ 65 އާއި 71 ވަނަ މިނެޓުގައި ބަޔާންގެ އަނެއް ދެލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލެރޯއީ ސާނޭ އާއި ކިންގްސްލީ ކޯމަން އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޔޫނިއަން ބާލިންގެ ދަނޑުގައި އެ ޓީމުން ވަނީ ފްރޭންކްފާޓްއާ 1-1 އިން އެއްވަރުކޮށްފައެވެ. އެފްސީ ހެއިޑެންހެއިމްއާ ހޮފެންހެއިމް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.