ޚަބަރު

ރެއާލް މެޑްރިޑުން ބަލޮންޑޯ ހަފުލާ ބޮއިކޮޓް ކޮށްފި


ފްރާންސްގެ ފުޓްބޯޅަ މަޖައްލާގެ ބަލޮންޑޯ އެވޯޑް ހަފުލާ ސްޕެއިންގެ ރެއާލް މެޑްރިޑުން ބޮއިކޮޓް ކޮށްފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ހަފްލާގައި ރެއާލް މެޑްރިޑްގެ އެއްވެސް މެމްބަރަކު ބައިވެރި ވެފައިނުވަނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެކްލަބަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއަރ އަށް ނުލިބޭނެކަން އެވޯޑް ހަފްލާގެ ކުރިން އެ ކްލަބުގެ މެމްބަރުންނަށް އެނގުމާއި ގުޅިގެންނެވެ.

ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑް އިން މި އަހަރުގެ އެވޯޑް ހަފްލާ ބޮއިކޮޓް ކުރުމަށްފަހު ބުނެފައިވަނީ އިހުތިރާމް ކުރުމެއް ނެތް ތަނަކަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެގޮތުން ބަލޮންޑޯ އިންތިޒާމް ކުރާ ފަރާތުގެ އިތުރުން ޔުއެފާ އިން އެ ކްލަބަށް އިހުތިރާމް ނުކުރާކަމަށްވެސް ވަނީ ބުނެފަ އެވެ.

އަހަރުގެ އެންމެ މޮޅު ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ހޮވިފައިވާއިރު އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ހިމެނެ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ރެއާލްގެ ވިނީޝިއުސް އެވެ.

ކާލޯ އަންޗެލޮޓީއަށް އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުމުން އޭނާގެ ރަސްމީ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އާއިލާ އާއި ކްލަބު މެމްބަރުންގެ އިތުރުން ވަކިން ޚާއްސަކޮށް ވިނީޝިއުސް އާއި ކަރްވަހާލްއަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އުމުރުން 24 އަހަރުގެ ވިނީޝިއަުސް އަށް މި ފަހަރުގެ އެވޯޑް ލިބޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބަލޮންޑޯ އިންތިޒާމް ކުރާ ފަރާތުން އެ ހަފްލާގެ ކުރިން އެވޯޑް ލިބޭ ފަރާތްތައް އެއްވެސް ފަރާތަކަށް އެނގިފައިނުވާ ކަމަށް ބުނި ނަމަވެސް އެވޯޑް ހަފްލާގެ މާ ކުރިން ވިނީޝިއުސް އަށް އެވޯޑް ނުލިބޭނެކަމަށް ވަނީ ބުނަން ފަށާފައެވެ.

ސްޕެއިންގެ މާކާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑްއިން ކުރިން ނިންމާފައިވަނީ 50 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެވޯޑް ހަފްލާއަށް ދިއުމަށެވެ.