ޚަބަރު

ވަޒީފާގެ ބާޒާރާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި


  • ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

  • މިއީ ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ކުރާ ދިރާސާއެއް

ވަޒީފާގެ ބާޒާރާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން ފަށައިފިއެވެ.

"ލޭބަރ ފޯސް ސަރވޭ" މާލެ ސަރަޙައްދުގެ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކެއްގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތް އެއިދާރާއިން ވަނީ ފަށާފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން ވިދާޅުވީ ލޭބަރ ފޯސް ސަރވޭއަކީ ރާއްޖޭގެ ލޭބަރ މާކެޓް ނުވަތަ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރާ ޤައުމީ ދިރާސާއެކެވެ. މި ދިރާސާއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް، މަސައްކަތްލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ލޭބަރ މާކެޓާއި ގުޅޭ އިންޑިކޭޓަރުތައް އެކުލަވަލާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ މީހުންގެ އާންމު މައުލޫމާތާއި، ހިޖުރަކުރުމާއި، ތަޢުލީމާއި، ވަޒީފާއާއި، އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލްއާއި، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް ހޯދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އާމްދަނީ ލިބޭ އަދި އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތާއ،ި ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު އަދި ހިލޭސާބަހަށް ކުރާ މަސައްކަތު ގެ ތަފްޞީލު ހޯދުމަށްވެސް ހަމަޖެހިފައިވެއެވެ.

ލޭބަރ ފޯސް ސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު" ގެ ދަށުން ހުއްދަ ލިބިގެން ކުރާ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި މި ޤާނޫނުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތުދިނުމަކީ އާއްމުންގެ މަސްއޫލިއްޔަތެކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން ވަނީ މި ސަރވޭއަށް މަޢުލޫމާތު ހޯދުމަށްޓަކައި ބައްދަލުކުރަން ބޭނުންވާ ގޭބިސީގެ މީހުންނާއި ފަސޭހައިން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދިފައެވެ.