އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރު ގެބްރިއަލްގެ ކަކުލަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ގެބްރިއެލް އަށް އަނިޔާވީ، އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގެ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި 2-2 އިން ލިވަޕޫލާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައެވެ.
ގެބްރިއެލްގެ ވާތުފައިގެ ކަކުލުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އިތުރަށް ކުޅުން ކުރިއަށްގެންދެވޭ ގޮތް ނުވުމުން ވަނީ އެ މެޗުގެ ފަހު ހާފުގައި ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޕޮލެންޑްގެ ޖަކޫބް ކިވިއޯ އެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު، އާޓޭޓާ ވަނީ، ގެބްރިއެލްގެ އަނިޔާއާ ގުޅޭގޮތުން މާގިނަ މަޢުލޫމާތުތަކެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ބުނެފައެވެ. އެކަމަކު، އަންގާރަ ދުވަހު ވަނީ ގެބްރިއެލްގެ އަނިޔާއާ ގުޅޭގޮތުން އުއްމީދީ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެފައެވެ.
އަދި، ކުރީން ހީކުރި ގޮތާ ހިލާފަށް އަނިޔާ ސީރިއަސް ނޫން ކަމަށާއި، އަދިވެސް އިތުރު މައުލޫމާތުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިނގިރޭސި ލީގު ކަޕްގައި ޕްރެސްޓަން ނޯތު އެންޑްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ދިން އިންޓަވިއުގައި އާޓޭޓާ ބުނެފައިވެއެވެ.
މީގެއިތުރުން، ލިވަޕޫލް މެޗުގެ ފަހުބައިގައި ބަދަލުކުރަން ޖެހުނު އާސެނަލްގެ ނެދަލެންޑްސް ޑިފެންޑަރު، ޔޫރިއަން ޓިމްބާއަށް އަނިޔާއެއް ކުރިމަތިވެފައިނުވާ ކަމަށް އާޓޭޓާ ވަނީ ބުނެފައެވެ.
މި ފަހަރުގެ ސީޒަނުގެ ކުރީބައިގައި އާސެނަލްގެ މުހިއްމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ފްރާންސް ޑިފެންޑަރު، ވިލިއަމް ސަލީބާ ނުކުޅެއެވެ.
އާސެނަލް ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑާއި، އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ ހިމެނެއެވެ. އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައީ މި ހަފްތާގެ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައެވެ.