ވެސްޓް އިންޑީޒްގައި މިހާރު ކުރިއަށްދާ ވަންޑޭ ސީރީޒްގެ ފުރަތަމަ މެޗުގައި އިންގްލަންޑް އަތުން އަށް ވިކެޓުގެ ތަފާތަކުން އެ ޓީމު މޮޅުވެއްޖެއެވެ.
އެންޓީގާގެ ނޯތު ސައުންޑްގައި ހުންނަ ސަރ ވިވިއަން ރިޗާޑްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ވެސްޓް އިންޑީޒުން ގަސްދުކުރީ ހޮވަން އަރާށެވެ. ގިނަ ބަދަލުތަކަކާއެކު މި ފަހަރުގެ ސީރީޒްއަށް ކުރިމަތިލާފައިވާ އިންގްލަންޑުން ކުޅެން އަރައި، 45.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 209 ލަނޑަށެވެ.
އިންގްލަންޑުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ލިއާމް ލިވިންގސްޓޯންއެވެ. އެގޮތުން އޭނާ ވަނީ 48 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސޭމް ކުރަން 37 ލަނޑު ހެދިއިރު، ޖޭކޮބް ބެތެލް ނުބައިވީ 27 ލަނޑަށެވެ.
މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ އުކުންތެރިޔާ ގުޑަކޭޝް މޯޓީ ހަތަރު ވިކެޓް ނެގިއިރު، މެތިއު ފޯޑް އާއި ޖޭޑެން ސީލްސް އަދި އަލްޒާރީ ޖޯސެފް ކުރެން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގާފައެވެ.
ވިއްސާރައިގެ ސަބަބުން 35 އޯވަރަށް ކުރުކޮށްލަންޖެހުނު ދެވަނަ އިނިންގްސްގައި ވެސްޓް އިންޑީޒުން ކަނޑައަޅާފައިވާ 157 ލަނޑުގެ ޓާގެޓަށް ވާސިލުވީ، 25.5 އޯވަރުގެ ތެރޭގައެވެ. މިއާއެކު ޑަކްވޯތު ލުވިސް މެތަޑުން އެ ޓީމު މޮޅުވީ އަށް ވިކެޓުންނެވެ.
ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް ކުޅުނު އެވިން ލުވިސް ވަނީ 69 ބޯޅައިން 94 ލަނޑު ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ބްރޭންޑަން ކިންގް ވަނީ 30 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންގްލަންޑްގެ ކެޕްޓަން، ލިވިންސްޓޯން އާއި އަދީލް ރާޝިދު ފިޔަވައި އެހެން ކުޅުންތެރިއަކަށް ވިކެޓެއް ނުނެގުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓް އިންޑީޒްގެ ގުޑަކޭޝް މޯޓީއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗު އޮތީ މާދަމާއެވެ. އަދި އެއަށްފަހު ވަންޑޭ ސީރީޒްގެ ފަހު މެޗު އޮންނާނީ ބުދަ ދުވަހެވެ.