ޚަބަރު

އުދިނޭޒީ ބަލިކޮށް ޔުވެންޓަސްގެ ސިލްސިލާ ނިމުމަކަށް


އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އުދިނޭޒީ 0-2 އިން ބަލިކޮށް، ޔުވެންޓަސް އިން މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އަނެއް ތިން މެޗުން ވަނީ އެއްވަރުވެފައެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. މިއާއެކު، އެ ޓީމަށް ލިބިފައިވަނީ ތާވަލްގެ ތިންވަނަ މަގާމެވެ. އެންމެ ކުރީގައި އުޅޭ ނާޕޮލީ އަށް އެއްމެޗު މަދުން ކުޅެގެން 25 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނެވެ.

އުދިނޭޒީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗުގެ 20 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑްނެގީ އުދިނޭޒީގެ ގޯލްކީޕަރު، މަޑޫކާ އޮކޯޔޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މިއީ ޔުވެންޓަސްގެ މިޑްފީލްޑަރު، ހެފްރެން ތުރާމް ވަރަށް ހަނިއޭންގަލަކުން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އުދިނޭޒީގެ ކީޕަރު، އޮކޯޔޭ ގައިގަ ޖެހިފައި ވަތް ގޯލެކެވެ.

އޭގެފަހުން، އުދިނޭޒީ އަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު، 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޮލޯ ސަވޯނާ އެވެ. މިއީ އެ ޓީމުގެ ތުރުކީ ފޯވާޑް، ކެނާން ޔިލްޑީޒް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ ސަވޯނާ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އުދިނޭޒީގެ ކެއިނާން ޑޭވިސް ގޯލެއް ކާމިޔާބުކުރިނަމަވެސް، އޭނާ އެ ބޯޅަ ފޮނުވާލުމުގެކުރީން ޔުވެންޓަސްގެ ޑިފެންޑަރު، ފެޑެރީކޯ ގައްޓީ އަށް ފައުލްކުރުމުން ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މޮންޒާގެ ދަނޑުގައި އޭސީ މިލާން މޮޅުވީ 0-1 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޔާނީ ރެއިންޑާސް އެވެ.

ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި ނާޕޮލީގެ ދަނޑުގައި އެޓަލާންޓާއާ ބައްދަލުކުރަންޖެހޭ މެޗާއި، އިންޓަގެ ދަނޑުގައި ވެނެޒިއާއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.