ޚަބަރު

ލުއިސް ޑިއާޒްގެ ހެޓްރިކާއެކު ލިވަޕޫލް މޮޅުވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލުއިސް ޑިއާޒް ހެދި ހެޓްރިކާއެކު 4-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު ލިވަޕޫލް އަށް ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. މުޅިން އާ ފޯމެޓަކަށް މި އަހަރުގެ ޗެމްޕިއަންސް ލީގު ކުރިއަށް ގެންދާއިރު ފުރަތަމަ ބުރުގައި ޖުމްލަ 36 ޓީމު ވާދަކުރާ ލީގު އުސޫލުން ކޮންމެ ޓީމެއްވެސް އަށް މެޗު ކުޅޭނެ އެވެ. އަދި ދެވަނަ ބުރުން ފެށިގެން ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ ގޮތަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގައި ލިވަޕޫލް ފެނިގެންދިޔައީ ކުޅުން ރަގަޅުކޮށް މުޅިން ތަފާތު ޓީމެއްގެ ގޮތުގަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ޑިއާޒް އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ކޯޑި ގެކްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ސަލާ އަރިމަތިން ނަގައިދިން ބޯޅައަކުން ގެކްޕޯ ގޯލަށް ވައްދާލި ނަމަވެސް ފުރަތަމަ ރެފްރީ ނިންމާފައިވަނީ އޮފް ސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ރަގަޅު ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ލުއިސް ޑިއާޒް ކާމިޔާބުކުރިއިރު, އޭނާ ވަނީ އިތުރު ވަގުތުގެ ކުޅުމުގައި އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

ލެވަކޫސަން އަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.