ރާއްޖޭގައި 5 ތަރީގެ ރިސޯޓެއް ތަރައްގީކޮށް ހޮޓެލް ސްކޫލެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި އެރިސޯޓު ތަރައްގީ ކުރުމަށް ޤައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިކަމައްޓަކައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓް ތަރައްގީ ކުރުމުގެ ފަހުމުނާމާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު އިބްރާހީމް ފައިޞަލްއެވެ. މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ އަހަރުތަކެއް ފުރިފައިވާއިރު އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް މިހާތަނަށް ސަރުކާރަކުން ފަހިކޮށްދީފައިނުވާކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން އެ ފުރުޞަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަދި ދާއިރާގައި ގިނަ އަހަރު ތަޖުރިބާ ލިބިފައިވާ މީހުންނަށް ރަނގަޅު ފުރުޞަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ރިސޯޓެއް ތަރައްޤީކުރުމަކީ ނުހަނު މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ތެރެއިން ދިވެހިންނަށް މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަކަށް މިސިނާއަތު ބައްޓަންކުރުމަކީ މިއަދު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ދިވެހިންނަށް ލާބަ އާއި މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަށް ޓޫރިޒަމް ސިނާއަތް ބައްޓަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ކަންތައް އަދި ފަތުރުވެރިކަމުގެ ސިނާއަތް ނެތް ރަށްތަކުގައި ވެސް އެ ސިނާއަތް ތައާރަފުކޮށް ފުޅާކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސްގެ ވިސްނުން ހުރި ގޮތުން އަޅުގަނޑުމެން ބޭނުންވަނީ ތަމްރީނު ދޭ ރިސޯޓުގައި ތިބެގެން ކިޔަވާއިރު އެތަނުގައި ކިޔަވާ މީހުން ފަތުރުވެރިންނަށް ހިދުމަތް ދެމުންވެސް ދާނެ. އަދި އެކި ޑިޕާޓްމަންޓްތަކުގައިވެސް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޝެހެނާޒް ވިދާޅުވީ ޤައުމީ ޔުނިވާސިޓީން ހުޅިމެންދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ގާއިމްކުރުމަށް ފަށާ މި މަސައްކަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރާ މަސައްކަތަކައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
ޝެހެނާޒް ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާއިރު އަސާސީ ވަކި ކަންތައްތަކެއް ފާހަގަކޮށް އިސްކަން ދެވޭނެކަމަށެވެ.
"ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމާއި ލ. ހުޅިމެންދޫގެ ޤުދުރަތީ ތިމާވެށި ރައްކާތެރިކަމަށް އިސްކަން ދިނުން. ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ. ދިވެހި ސަޤާފަތާއި އާދަކާދަތައް ދެމެހެއްޓުމާއި އަމަލީ ތަޖުރިބާއާއެކު ފަތުރުވެރިކަމުގެ ޒާމާނީ ހުނަރުތައް އުނގަންނައިދިނުން، އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމީ މަރުކަޒަކަށް ހެދުން. ފަތުރުވެރިކަމުގެ ދާއިރާގެ ޚާއްސަ ދިރާސާތައް މަރުކަޒުގައި ކުރިއަށް ގެންދާނެ" ޝެހެނާޒް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތައުލީމީ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކާ ހަމަކުރާނެ މަޝްރޫއެއް ވެސް ޝެހެނާޒް ވިދާޅުވިއެވެ.