ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ސަރަހައްދެއްގައިވެސް ޓޫރިޒަމް ކުރިއެރުވޭނެ ކަމަށާއި އެ ރޫހު މި ސަރުކާރުގައި އެބަހުރިކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 5 ތަރީގެ ޓްރޭނިން ރިސޯޓް ތަރައްޤީ ކުރުމަށް ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް އައްޑޫ ސިޓީއާއި ރާއްޖޭގައި ފަތުރުވެރިކަން ނެތް އެހެން ރަށްތަކަށް ކުރެއްވި ދަތުރުތަކުންވެސް ރާއްޖޭގައި ކޮންމެ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ކުރިއެރުވޭނެކަން ފާހަގަކުރެއްވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަން ނެތް ރަށްތަކުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އަދަދަކަށް އެނދު އުފައްދާ، އެއަތޮޅުތަކަށް ވަންނަ އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އިވެންސްޓްމަންޓްތައް ގެނައުން ކަމަށެވެ.
މިއެނދުތައް ތަރައްޤީ ކުރެވެންވާއިރަށް ޓްރޭނިން ރިސޯޓް މެދުވެރިކޮށް ސިނާއަތަށް މީހުން ތަމްރީނު ކުރެވިއްޖެނަމަ އެއީ މިސިނާއަތަށް ސަރުކާރުން ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ފައިސަލް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިމަޝްރޫއާއެކު ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ މަލްޓިމިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މުޅިރާއްޖެ ބަދަލުކޮށްލާނެ ބޮޑު މަޝްރޫޢެކެވެ.
ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ.
މި ޕްރޮޖެކްޓާއެކު އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީގެ އެއަރޕޯޓެއްގެ ގޮތުގައި ވީއައިއޭ ތަރައްޤީކުރެވޭނެއެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީއެވެ. އަދި މިހާރު ގަޑިއަކު 300 މީހުންނަށް ޚިދުމަތް ދެވޭ ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލް، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދޭ ޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކުރާނެއެވެ.