ޚަބަރު

ބޭންކަށް ޑޮލަރު މާރުކުރާ ޤަވާއިދަށް ރައްޔިތުންގެ ތައުރީފް: ގިނަ ބަޔަކު ގަބޫލުކުރަނީ ހެޔޮ ބަދަލެއް ކަމަށް


  • ޑޮލަރުުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

  • ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައި

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ ތާށިކަމެކެވެ. އާއްމު ރައްޔިތުން ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ރާއްޖެއަކީ ފަތުރުވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭ ޤައުމަކަށްވުމެވެ.

މި އާމްދަނީ ޑޮލަރުން ލިބޭ އިރު، މި ފައިސާއަށްވާގޮތެއް މޮނިޓަރކުރެވިފައިނުވެއެވެ. ޒަމާންތަކެއްވަންދެން އެގޮތަށް ކަންކަން ވަމުންއައި ނަމަވެސް އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމާއި އެކު ޑޮލަރުގެ މައްސަލައަށް ހައްލުތަކެއް ގަނައުމަށް މަސައްކަތް ފެށިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތައް ފުއްދަވަމުންގެންދަވާއިރު، ޑޮލަރާއި ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުފުއްދެވުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.

މިގޮތުން ރާއްޖޭގައި އަމަލުކުރަމުންދާ ބޭރު ފައިސާގެ ޤަވާއިދަށް ވަނީ މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ. އެ ބަދަލުތަކާއެކު ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ވަނީ މަޖުބޫރުކޮށްފައެވެ.

އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.
އައު ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.

ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ. އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.

މިހާރު ޢަމަލުކުރަން ފެށި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރި-އެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.

މި ބަދަލުތަކަކީ ދިވެހި އާއްމު ރައްޔިތުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ބަދަލުތަކަކެވެ. އެގޮތުން ކުރިމަގުގައި ބޭންކުތަކުން ފަސޭހައިން ޑޮލަރު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި އެއަރޕޯޓުގައި ފޮރިން އެކްސްޗޭންޖު ކައުންޓަރުތައް ބަހައްޓާ ޑޮލަރު ހޯދުމުގެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މިއީ މުހިއްމު ބަދަލެކެވެ.

ސަރުކާރުން މިގެންނަ ބަދަލުތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް ޑޮލަރު މާރު ކުރަން ޖެހޭގޮތަށް ގެނައި ބަދަލާއި އެކު އޭގެ ހެޔޮ ބަދަލުތައް ފެންނާނެކަން ރައްޔިތުން ގަބޫލުކުރެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކުތަކަކީ މި ބަދަލަށް މަރުހަބާ ކިޔަމުންނެވެ. އަދި މި ބަދަލު މިހާ ޒަމާންވީއިރު ގެނެވިފައި ނުވަނީ ކުރީ ސަރުކާރުތަކުގެ އިޙުމާލުކަންވެސް ރައްޔިތުން ގަބޫލުކުރެއެވެ.

މިކަމުގައި ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބޭއިރު، މިއީ ވިޔާފާރިވެރިންނަށް ގެއްލުމެއް ކުރިމަތިވާނެ ބަދަލެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ފައިސާ ބޭންކުތަކަށް މާރުކުރަނީއެވެ. އިތުރަށް ފައިސާއެއް ބޭންކުތަކަށް ދޭނެ ޖެހެނީއެއް ނޫނެވެ.

މިއީ ޑޮލަރުގެ ކަޅު ބާޒާރުތަކުގެ ދޮރުތަށް ބަންދުވެގެންދާނެ ކަމަކަށްވުމުން، ޒަމާންތަކެއް ވަންދެން އެ ވިޔަފާރިން ފައިދާ ހޯދަމުން ދިޔަ ފަރާތްތަކަށް މި ބަދަލުގެ ސަބަބުން ގެއްލުންވާނެ ކަން ޔަޤީނެވެ.ފާހަގަކޮށްލަން ޖެހޭ އިތުރު ކަމަކީ މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިކަންތައް ކުރަމުން އަންނަ ގޮތްކަމެވެ.

ސަރުކާރުން ބުނަމުން ދަނީ ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައިކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެކަމަށެވެ. މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.