ޚަބަރު

ޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 10 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ހުރި މަދަރުސާއަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ 10 މީހުން ޝަހީދު ކޮށްލައިފިއެވެ. މިއީ، މީގެ 13 މަސްކުރިން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާއެކެވެ. ޙަމަލާގައި އިތުރު 20 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ.

ޔަހޫދީ ފައުޖުން ބޮން އަޅާފައި ވަނީ އދން ހިންގާ އަބޫ ޢާޞީ މަދަރުސާއަށެވެ. އެއީ، ލާއިންސާނީ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތެކެވެ. ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން ޣައްޒާގެ އާބާދީގެ 2.3 މިލިޔަންގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިފައެވެ. އަދި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައެވެ. ވަގުތީ ހިޔާތަކުގެ ގޮތުގައި މަދަރުސާ ފަދަ އިމާރާތްތައް ބޭނުން ކުރަމުންދާއިރު، އެ ތަންތަނުގެ އިތުރުން ފޭލިގެތައް ޖަހާފައިވާ ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އަބޫ ޢާޞީ މަދަރުސާގެ އިމާރާތުގެ ބޮޑު ބައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ. އަދި، އެ އިމާރާތުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމުގައެވެ. އެ މީހުން ސަލާމަތްކޮށް، ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދުމަށް ޞިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން އެ ސަހަރުގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 30އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުން މީގެ 13 މަސް ކުރިން ޣައްޒާއަށް ބޮންއަޅައި، އެ ސަހަރަށް އަރައިގަނެ، ލާއިންސާނީ ޤަތުލުޢާންމުތައް ހިންގަން ފަށާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. އެ ނަމުގައި ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ދިރިއުޅޭ އިމާރާތްތަކަށެވެ.

ޣައްޒާގައި ލާއިންސާނީ ޢުދުވާންތައް ހިންގަމުންދާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ޙަމާސްގެ މުޖާހިދުން ދަނީ ހިތްވަރާ އެކު ކުރިމަތިލަމުންނެވެ. އަދި، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ނޮވެންބަރު 16 ވަނަ ދުވަހު ވެސް ޙަމާސުން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ރޮކެޓު ޙަމަލާތަކެއް ދީފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، 13 މަހަށް ދެމިގެން ގޮސްފައިވާ ޢުދުވާނުގެ ސަބަބުން ޙަމާސް ބަލިކަށިކޮށްލެވިފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ.

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަަހަރުގެ ރައްޔިތުން ގެދޮރު ނެތިކޮށްލުމަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައި ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)ން ދާދިފަހުން ބުނެފައިވެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ އެޗްއާރްޑަބްލިޔުން މި ކަން ހާމަކޮށްފައި ވަނީ، ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ޖައްސަމުންދާ ނިކަމެތި ހާލަތާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ރިޕޯޓެއްގައެވެ.

ގަސްދުގައި ބަޔެއްގެ ގެދޮރު ނެތިކޮށްލުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެކެވެ. ނަމަވެސް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އެ ފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އދން ވެސް ވަނީ ފަސްޖެހިފައެވެ. ޔަހޫދީންނާ ދެކޮޅަށް އަޅަން މަސައްކަތް ކުރާ ހުރިހާ ފިޔަވަޅަކަށް ހުރަސް އަޅަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. މުސްލިމުން ޝަހީދު ކުރަން ޔަހޫދީން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ ވެސް އެމެރިކާއިންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,799އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,601 މީހުން ޒަޚަމު ކޮށްލާފައެވެ.