މިހާރު ކުރިއަށްދާ އޭޓީޕީ ޓުއާ ފައިނަލްސްގެ ފައިނަލަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ އާއި އެމެރިކާގެ ޓޭލާރ ފްރިޓްޒް ދަތުރުކޮށްފިއެވެ.
އިޓަލީގެ ޓިއުރިންގެ އިނަލްޕީ އެރީނާގައި އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ނޯވޭގެ ކެސްޕަރ ރޫޑް އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިއަހަރު ސިނާ ކުޅިވަރުގައި މަނާ ބޭސް ބޭނުންކުރި ކަމަށް ހެދި ދެ ޓެސްޓުން ޕޮޒިޓިވްވެ ޕްރޮވިޝަނަލް ސަސްޕެންޝަނެއްގައި ހުރި ނަމަވެސް އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ވާދަކޮށް ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެގޮތުން އެންމެ ފަހުން އޭނާ ކުޅުނު 26 މެޗުގެ ތެރެއިން 25 މެޗު ސިނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލުން ސިނާ ޖާގަ ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ސެޓެއް ގެއްލުވާނުލަ އެވެ.
ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނަ އެމެރިކާގެ ޓޭލަރ ފްރިޓްޒް ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ގައި ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓުން ފުރަތަމަ ސެޓު ހައެއް ތިނެއްގެ ނަތީޖާއަކުން ފްރިޓްޒް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ހަމަ އެ ނަތީޖާއިން ޒްވެރޭވް ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތިންވަނަ ސެޓުގައި ފްރިޓްޒް ވަނީ މޮޅު ކުޅުމެއް ދައްކާތިނެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.