ޔުއެފާ ނޭޝަންސް ލީގުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ނެދަލަންޑްސްއިން ކަށަވަރުކޮށްފިއެވެ.
ނެދަލަންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ފެށިތާ ހަތްވަނަ މިނިޓުގައި ބެންޗުގައި ހުރި ހަންގޭރީގެ އެސިސްޓެންޓް ކޯޗު އެޑަމް ސަލާއީ ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން ރެފްރީ ވަނީ މެޑިކަލް އެމަޖެންސީގެ ގައި މެޗުގެ ކުޅުން ހުއްޓާލާފަ އެވެ.
މެޗަށްފަހު ހަންގޭރީގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާއީ އަށް ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އަދި އޭނާގެ ހާލަތު މިހާރު ރަގަޅު ކަމަށެވެ.
2023 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ އުމުރުން 36 އަހަރުގެ ސަލާއީ ވަނީ ހަންގޭރީއަށް 86 މެޗު ކުޅެދީފަ އެވެ.
ދިހަ މިނިޓަށް މެޗުގެ ކުޅުން ހުއްޓާލުމަށްފަހު އަލުން ކުޅުން ފެށި މި މެޗުގެ 21 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ވައުޓް ވެގްހޮސްޓް ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނެދަލޭންޑްސް އަށް ރެފްރީ ދިން ދެވަނަ ޕެނަލްޓީ އާއިއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އެ ޓީމުން ނިންމާލާފައިވަނީ 2-0 ގެ ލީޑަކާއެކުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯޑީ ގެކްޕޯ އެވެ.
ނެދަލޭންޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ކާމިޔާބުކޮށްދިން އިރު ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓިއުން ކޫޕްމެއިނާސް އެވެ.
މި މެޗުން ނެދަލޭންޑްސް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 8 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. ހަންގޭރީއަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އެ ޓީމު އެއް މެޗު ކުޅެން އޮތް ނަމަވެސް ހަންގޭރީ އޮތީ މައިނަސް ހަތް ގޯލުގެ ތަފާތަކާއެކުގަ އެވެ. ގްރޫޕުގެ ފުލުގައި އޮތް ބޮސްނިއާ އަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.