ޚަބަރު

ސިއްޙަތާ ބެހޭ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ އަގުވަޒަންކޮށްފި


  • މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ސިއްޙަތާއި ބެހޭ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުން މިސަރުކާރުގެ 52 ހަފްތާތެރޭ ކޮށްފައިވާ މަސައްކަތު އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގެ ސިޔާސީ މުވައްޒަފުން އިސްނަގައިގެން ބޭއްވި މިހަފްލާގައި އެ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ޚާއްސަ ބެޖެއް ވަނީ އަރުވާފައެވެ. މި ބެޖް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މިހަފްލާގައި މުވައްޒަފުންގެ މަސައްކަތް އަގުވަޒަންކޮށް ޚާއްސަ ކޭކެއްވެސްވަނީ ފަޅާފައެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެވުޒާރާއިން ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތައް ހާސިލްކޮށްފައިވާއިރު، މިކަމުގައި ސިވިލް ސަރވިސް މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"ތިބޭފުޅުން ދެއްވާ ލަފައާއި އިރުޝާދު އެއީ އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތެއް. ރައީސުލްޖުމްހޫރިއްޔާގެ 52 ހަފްތާގެ ވަޢުދުތައް ފުއްދުމުގައި ހެލްތު މިނިސްޓްރީ ވަނީ ނަމޫނާ ދައްކަވާފައި. އެ ހުރިހާ މަސައްކަތެއްގެ އެންމެ އިސް މޭސްތިރިންނަކީ އަޅުގަނޑުމެންގެ ޓެކްނިކަލް ސިވިލް މުވައްޒަފުން. އަޅުގަނޑު އެކަން ވަރަށް ޝުކުރުވެރިކަމާއެކު ފަޚުރުވެރިކަމާއެކު ބަލައިގަންނަން " ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި މިހަފްލާއަކީ ވުޒާރާގެ ސިޔާސީ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަފްލާއެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި މިހަފްލާއަށް އެވުޒާރާގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެއެވެ.