ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12މީހުންގެ ތެރެއިން 8 މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:40 ހާއިރުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވަނީ ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް، 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 8 މީހަކު ތަޙުގީގުު މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
* އާދަމް ހުސެއިން ލ. މާވަށް، ޖަމީލާ މަންޒިލް (48އ)
* އިބްރާޙިމް ނަޝީދު ލ. އިސްދޫ، ހިޔާލީ ގުލްޝަން (34އ)
* އަހުމަދު ސަމީހު ބ. ގޮއިދޫ، ނައިޓްސްޓަރ (22އ)
* އިސްމާޢިލް ވިޝާމް މުހައްމަދު ވ. ގާމާ (29އ)
* ވިޝާމް މުހައްމަދު ގދ. ވާދޫ، ޗިޗަންޑާގެ (23އ)
* ވިސާން މުހައްމަދު ހުޅުމާލެ، ހިޔާ 14-17-3 (30އ)
* މުސްތާގު ޝާކިރު ގދ. ވާދީ، ޖަނަވަރީގެ (37އ)
* ހަސަން ގާލިބް މ. ކޮޅުފުށި، އާރެސް (38އ)
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި އިތުރު 4 މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެގޮތުން ށ. ފޯކައިދޫ، ދަންމަރު، އުމުރުން 36 އަހަރުގެ އަހުމަދު ޒާހިދު 5 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު ގ.ދ ވާދޫ، ވެހި، އުމުރުން 22 އަހަރުގެ އަލްމާން ޢަލީ ޚާލިދާއި މ. ހަތިކަނޑު، އުމުރުން 18 އަހަރުގެ މުހައްމަދު އިޒްކާން އަދި ކ. ގުރައިދޫ، ޒުނައިޓްވިލާ، އުމުރުން 18 އަހަރުގެ އިޒާން އަހުމަދު 8 ދުވަހަށް ބަންދުކުރުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ، ރަހީނުކޮށްގެން ގެންގުޅުނު މީހާއާއި، ރަހީނުކުރުމުގައި ބައިވެރިވި މީހުންނާ ގުޅުންތަކެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ. އަދި އެ ގުޅުންތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅޭ ގުޅުންތަކެއްކަންވެސް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ރަހީނުކޮށްފައި ހުރީ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާ ރަހީނުކޮށްފައި ހުރީ ހިޔާ 9ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގައެވެ.