ޒެމްބިއާ އިންޓަނޭޝަނަލް 2024 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކުލަބުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ގެ ޕެއާ ރަން މެޑެލް ހޯދައިފިއެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސްއިން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑެލް ހޯދީ މިއަދު ކުރިއަށްދިޔަ ފައިނަލް މެޗުގައި ސްރީ ލަންކާގެ ހަސީނީ އާއި ހަސާރާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ އާއި ނަބީގެ ޕެއާ ގެންދިޔައީ 21-16 އަދި 21-19 އިންނެވެ.
މިއީ ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ފެންވަރުގެ މުބާރާތަކުން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑެލް ހޯދި ދެވަނަ ފަހަރެވެ. އެގޮތުން 2019 ވަނަ އަހަރު އެ ޕެއާ ރަން މެޑެލް ހޯދިއިރު، އެ ފަހަރު މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާވެސް ވަނީ ރަން މެޑެލް ހޯދާފައެވެ. މީގެ އިތުރުން ނަބާ އާއި ނަބީ ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑެލް ހޯދާފައެވެ.
ޒެމްބިއާ މުބާރާތުން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑެލް ހޯދިއިރު، މި މުބާރާތުގައި ރާއްޖޭގެ ރިވައިވަލްއަށް ވަނީ ތިން މެޑެލް ލިބިފައެވެ. އެގޮތުން މިކްސް ޑަބަލްސްއިން ޒަޔާން އާއި ނަބާގެ ޕެއާ ލޯ މެޑެލް ހޯދިއިރު، އަންހެން ސިންގަލްސް ބައިން ނަބާވެސް ވަނީ ލޯ މެޑެލް ހޯދާފައެވެ.
މުބާރާތުގެ މިކްސް ޑަބަލްސްގެ ސެމީގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރިއިރު، އެ މެޗުން ބަލިވީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 21-16 އިންނެވެ. އަދި އަންހެން ސިންގަލްސްގެ ސެމީގައި ނަބާ ބަލިވީ އަޒަރުބައިޖާންގެ އީރާ އަތުން ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-18، 14-21 އަދި 10-21 އިންނެވެ.