ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދައިފިއެވެ.
މި ފަހަރުގެ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގެ ފިރިހެން ބައިގައި ހަތަރު ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ޕޮލިހުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި، މޯލްޑިވްސް އިމިގްރޭޝަން އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއެވެ.
ހުޅުމާލޭ އެޗްޑީސީ ޕާކް ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އެމްއެންޑީއެފް އަތުން ފަހަތުން އަރައި ތިން ސެޓު އެއް ސެޓުން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-23 އިން ކާމިޔާބުކޮށްފައިވަނީ އެމްއެންޑީއެފް އިންނެވެ. އެކަމަކު ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް، އަނެއް ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް ޕޮލިހުން ގެންދިޔައީ 25-22، 25-8 އަދި 27-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ޝާމިލް މުޙައްމަދެވެ.
މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޕޮލިހުގެ ޝާމިލާއި، މައުޒޫމް ނިޔާޒް އަދި މުޙައްމަދު ހަމްދޫންގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ މުޙައްމަދު ފައިސަލް އާއި، އެމްއެންޑީއެފްގެ ޖުނެއިދު އަބްދުﷲ އަދި މުޙައްމަދު މުނީޒެވެ. އަދި މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަގާމު ހޯދީ ޕޮލިހުގެ އަޙްމަދު އިލްހާމް އަލީއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕޮލިހުގެ ޝާމިލް ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.
މި ފަހަރުގެ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލުން އެމްއެންޑީއެފް ބަލިވިއިރު، އެ ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހު ބޭއްވި އިންޓަރ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައިވެސް ވާދަކޮށްފައެވެ. އެ މެޗުގައި ތިން ސެޓު ދެ ސެޓުން އެމްއެންޑީއެފް ބަލިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ. އެކަމަކު ނިމިގެންދިޔަ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގައި އެޗްޑީސީ ވާދަކޮށްފައެއް ނުވެއެވެ.