މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނީ ޤަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އައު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރެވެ.
އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާއިރު 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. އަދި މިއާއެކު މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
މިއާއެކު މި ބިލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ނޫސްވެރިން ތަމްސީލް ޖަމިއްޔާތަކުން ބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމާށް ވިދާޅުވިއެވެ.
މި ބިލާއި ގުޅޭގޮތުން ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެމަނިކުފާނު ބަލަގަންނަ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ.
"މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ޤަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން" ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާއަށް ފަހު ނޫސްވެރިއަކު ވަނީ މިކަމާއި ގުޅޭގޮތުން އެމަނިކުފާނާއި ސުވާލުކުރައްވާފައެވެ. އެގޮތުން މިހާރު ޕީއެންސީ މެޖޯރިޓީއެއް އޮންނަ މަޖިލީހެއް އޮތުމާއެކު އެމަނިކުފާނު ވަނީ އެ ބިލު ބަލައިނުގަނެ ބޭރުކޮށްލާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލާއި ގުޅިގެން ތާފަތު ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ބަންޑާރަ ނައިބުވެސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ހާމަކުރުމަށް ގޮވާލާ، މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މީޑިއާތައް ބާރުވެރިކުރުއްވުމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހުށަހެޅިފައިވާ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.