ޚަބަރު

ކުޑަ އަދަދުތައް ޖަހައިގެން މަޝްރޫޢުތައް ފަށައިފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ކުރިއަށްނުގޮސް: މާލީ ވަަޒީރު


  • އެމްޓީސީސީގައި 18 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިއަށްނުގެންދެވި އެބަހުރި

  • މި ސަރުކާރުން ހުރިހާ ރަށެއްގައި މަޝްރޫޢުތައް ހިންގާނެ

ކުޑަ އަދަދުތައް ޖަހައިގެން މަޝްރޫޢުތައް ފަށައިފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ކުރިއަށްނުގޮސް ޕައިޕްލައިންގައި ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މީގެ ކުރިން ބަޖެޓުތައް ހުށަހެޅުމުގައި ކަންކަން ކުރަމުން އައިގޮތަށް މަޝްރޫޢުތަކުގެ ލިސްޓެއް ހަދައި އެ މަޝްރޫޢުތަކަށް ކުދި އަދަދުން ޖަހައިގެން ފަށައިގަނެފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ބަޖެޓު ނެތި ނުވަތަ ކޭޝްފްލޯ ނެތި ކުރިއަށްނުގޮސް ކަމަށެވެ. ކުރީ ސަރުކާރުން އެމްޓީސީސީއާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރިއިރު މިހާރުވެސް އެ ކުންފުނީގައި 18 ބިލިޔަން ރުފިޔާގެ މަޝްރޫޢު ފައިނޭންސް ކުރެވޭނެގޮތެއް ނެތި ކުރިއަށްނުގެންދެވި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށެވެ.

"މިފަހަރުގެ ޕްރޮޖެކްޓުތައް އަޅުގަނޑުމެން ޕްރައޯރަޓައިޒްކޮށް ވިސްނާާފައި އޮތީ ޕްރޮޖެކްޓުގެ ޕްރޮޕަރައިޓަރީ ފަންޑު އެލޮކޭޓްކޮށް ހަދާފައި ރައީސުލްޖުމްހޫރިއްޔާގެ ޕްރައޯރަޓައިޒް ލިސްޓުގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށްގެންދަން. އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓުގައިވެސް އެއްވެސް ރަށެއް އުނިވެފައި ނޯންނާނެ." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއެއްގޮތަށް މިއަހަރު ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމުގެ ދަށުން އެ ކުންފުނިތަކަކީ ޖަވާބުދާރީވާންޖެހޭ ގޮތަށް ހިންގާ ތަންތަނަށް ހަދާނެ ކަމަށާއި އެއް މަސައްކަތެއް ކުރާ ކުންފުނިތައް އެއްކޮށްލައިގެން ނަތީޖާ ރަނގަޅުވާނަމަ އެ ބަދަލުވެސް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އާސަންދަ ނިޒާމުގެ ދަށުން އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް ބަދަލެއް ނުގެނެސް މިހާރުވާ އިސްރާފު ހުއްޓުވުމުގެ ސަބަބުން 500 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި މިހާރު ޕެންޝަން ލިބޭ ފަރާތްތަކުގެ ޕެންޝަނަށް ބަޖެޓުން ބަދަލެއް ނާންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.