ހުޅުމާލޭ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ބޮޑުކުރުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރައްވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގައި މިހާރު ހުރި 7 އެނދުގެ އިމަރޖެންސީ ރޫމް ޒަމާނީ ވަސީލަތްތަކާއެކު 14 އެނދަށް ބަދަލުކޮށް، ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރާނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރާ ހޮސްޕިޓަލެއްގެ ގޮތަށް ތަރައްޤީކުރާއިރު އީއާރް ބޮޑުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އީއާރް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގެ ޚިދުމަތްތައް ދޭނީ ހޮސްޕިޓަލުގެ އެހެން ބަޔެއްގައި ކަމަށާއި މަގުސަދަކީ ވީއެންމެ އަވަހަކަށް މި މަޝްރޫއު ނިންމައިގެން 14 އެނދާއެކު އަލުން އީއާރްގައި ޚިދުމަތް ދޭން ފެށުން ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުގެވެސް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ތައްޔާރުވަމުނދާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅުގައި އެ ހޮސްޕިޓަލްގައި 28 އެނދު އިތުރުކުރާނެކަމަށް އަބްދުއްރައްޒާގު ހަލީމު ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރީ 2 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އެކުންފުނިން މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޓަރޝަރީ ފެންވަރަށް ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޝަން ތިއޭޓަރުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ވަނީ ޤާއިމްކޮށްފައެވެ. މިތަނުގައި ހިމެނެނީ ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 ކޮޓަރިއެވެ. މީގެއިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ތަރައްޤީކޮށްފައެވެ.