ޚަބަރު

ޖެމެއިކާ ބަލިކޮށް އެމެރިކާ ކޮންކާކަފް ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް


ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި 4-2 ގެ ނަތީޖާއަކުން ޖެމެއިކާ ބަލިކޮށް، އެ މުބާރާތުގެ ސެމީ ފައިނަލަށް އެމެރިކާ ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު އެމެރިކާ އިން ވަނީ ދެ މެޗުގެ އެގްރިގޭޓު 5-2 އިން ޖެމެއިކާގެ މައްޗަށް ކުރިހޯދާފައެވެ.

ސިޓީޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެމެރިކާ އިން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސްޓަން މެކެނީ އެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި އެމެރިކާގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް މެކެނީ ދިން ބޯޅައަކުން ޕުލިސިޗް އެވެ. މި ބޯޅަ ގޯލްގެތެރެއަށް ވަނީ ޖެމެއިކާގެ ޑިފެންޑަރު، ޑިޝޯން ބާނާޑްގެ ފައިގަ ޖެހިފައެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެމެރިކާގެ ތިންވަނަ ލަނޑުޖަހައިދިނީ ރިކާޑޯ ޕެޕީ އެވެ. އެންޓޮނީ ރޮބިންސަން ދިން ޕާހަކުން ޕެޕީ މި ލަނޑުޖެހީ ގޯލާ 18 ޔާޑުދުރުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 13 ވަނަ ލަނޑެވެ. މި ގޯލާއެކު އެމެރިކާ އިން މި ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޑެމާރޭ ގްރޭ ވަނީ ޖެމެއިކާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ތިން މިނެޓުފަހުން، އެމެރިކާގެ ތިން ލަނޑުގެ ލީޑް އަލުން ދަމަހައްޓައިދިނީ ޓިމޮތީ ވެއާ އެވެ. ނަމަވެސް، އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ގްރޭ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.

ނޭޝަންސް ލީގުގެ މިދިޔަ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެމެރިކާ އިން މި ފަހަރުގެ މުބާރާތުގެ ސެމީގައި ނިކުންނާނީ އަންނަ އަހަރުގެ މާރިޗް މަހުގައެވެ. މީގެއިތުރުން، މި މުބާރާތުގެ ސެމީ އަށް ދަތުރުކުރުމާއެކު ކޮންކާކަފް ގޯލްޑް ކަޕުން ވެސް އެމެރިކާ އަށް ވަނީ ފުރުޞަތު ލިބިފައެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރީން، އެ މުބާރާތުގެ ހޯސްޓު ގައުމުތަކުގެ ތެރޭގައި މެކްސިކޯ އާއި ކެނެޑާ އާއެކު އެމެރިކާ ހިމެނި އޮޓޮމެޓިކް ޖާގައެއް ލިބިފައިވާތީވެ، ނޭޝަންސް ލީގާއި ގޯލްޑް ކަޕަކީ އެ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅެލުމަށް ލިބޭ ހަމައެކަނި ފުރުޞަތެވެ.