ޚަބަރު

އަގުހެޔޮކޮށް ބޭސް ވިއްކުމަށް ބައެއް ފާމަސީތަކުންދަނީ ދެކޮޅު ހަދަމުން: ހީނާ


  • ހީނާ ވިދާޅުވީ ގިނަ، ފާމަސީތަކަކުން ބޭސް އަގުހެޔޮކޮށް ވިއްކަމުންދާކަމަށް

  • އުއްމީދަކީ މިހާރު އުޒުރުވެރިވާ ފަރާތްތަކުންވެސް މިލިސްޓުގައިވާ ބޭސްތައް އަގުހެޔޮކޮށް ވިއްކުން

  • އެސްޓީއޯ ފާމަސީތަކުގައި މިބޭސްތައް އާސަންދައިން ލިބެން ހުންނާނެ

ސަރުކާރުން ބޭހުގެ އަގު ހެޔޮކުރުމަށް ގެނައި ބަދަލަށް ބައެއް ފާމަސީތަކުން ދެކޮޅުހަދަމުންދާކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިގޮތުން ދެތިން ތަނަކުން މިގޮތަށް ޢަމަލުކުރަމުންދާކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، ވިދާޅުވީ، ސަރުކާރުން ބޭސް އަގުހެޔޮކުރުމަށް ބޭހުގެ ލިސްޓަށް ގެނައި ބަދަލު ގިނަ ފާމަސީތަކަކުން ބަލައިގަނެ، ޢަމަލުކުރަމުންދާކަމަށެވެ.

އެހެންނަމަވެސް އަދިވެސް މަދު ފާމަސީތަކަކުން އަގުހެޔޮކޮށްފައިވާ ބޭސް ލިސްޓު ތަންފީޒުކުރުމަށް އިއުތިރާޒުކުރަމުންދާކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، މިހާރު ބޭސް ލިސްޓުގެ ދަށުން އަގުހެޔޮކޮށް 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަން ފަށާފައިވާކަމަށެވެ.

"އަޅުގަނޑުމެނަށް އަދިވެސް ފާހަގަވަމުންދޭ ސަރުކާރުގެ ބޭސް ލިސްޓަށް ބޭސް ވިއްކަން ބައެއް ފާމަސީތަކުން އިއުތިރާޒްކުރަމުންދާތަން. އެހެންނަމަވެސް އާސަންދަ މެދުވެރިކޮށް މިބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީއަކުންވެސް ލިބެން ހުންނާނެކަން." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ރައްޔިތުންގެ އަތް ނުފޯރާ ފަށުގައިކަމަށެވެ. މިގޮތުން ސަރަހައްދީ ޤައުމުތަކާ އަޅާބަލާއިރު 15 ގުނަ ރާއްޖޭގައި ބޭހުގެ އަގު ބޮޑުކޮށް ވިއްކަމުންދާކަމަށެވެ. އެއީ 300 އިންސައްތައާއި 4000 އިންސައްތައިގެ ފައިދާ ލާފައި ބޭސް ވިއްކަމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ބޭސްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބޭހުގެ ޚައްސަ ލިސްޓެއް އޮންނައިރު، އެލިސްޓުގައި ހިމެނޭ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ގެނައުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މިގޮތުން މިމަސައްކަތްކުރަމުންދަނީ ޔޫއެންޑީޕީއާއި ގުޅިގެންނެވެ.

އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާތަނަށް 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަންވަނީ ފަށާފައެވެ.