ޚަބަރު

ހަންގޭރީން ޖަރުމަން ހިފެހެއްޓިއިރު، ނެދަލަންޑްސްއަށް ޕޮއިންޓެއް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީން ފަހު ވަގުތު ލަނޑެއް ޖަހައި ޖަރުމަނާއި 1-1 ގެ ނަތީޖާއަކުން އެއްވަރުކުރިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ބޮސްނިއާ އާއި ނެދަލަންޑްސް ބައްދަލުކުރި މެޗުވެސް ހަމަ މި ނަތީޖާއިން އެއްވަރުވެއްޖެއެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗަށް ޖަރުމަނު ނިކުތްއިރުވެސް އެ ޓީމު އޮތީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ކޮލިފައިވެފަ އެވެ. ޖަރުމަނަށް ވަނީ ގްރޫޕުގައި ކުޅުނު 6 މެޗުން 14 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމު ލިބިފަ އެވެ. އަދި ހަންގޭރީ އޮތީ މެޗުން ލިބުނު 6 ޕޮއިންޓާއެކު ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް ނެދަލޭންޑްސް އަށް ހަ މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިނުވާ ޖަރުމަނުގެ ކޯޗު ވަނީ ހަންގޭރީ އާއި ދެކޮޅަށް ނުވަ ބަދަލެއް ގެނެސްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ޖަރުމަނަށް ކާމިޔާބުކޮށްދީފައިވަނީ ފެލިކްސް އެންމޭޗާ އެވެ. މިއީ އޭނާ ޖަރުމަނުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ހަންގޭރީ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ސޮބޮޒްލާއީ އެވެ. މި ޕެނަލްޓީ ދިނުމުގެ ކުރިން ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެތައް ފަހަރަކު މި ވީޑިއޯ ބަލާފަ އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ނެދަލޭންޑްސް އާއި ބޮސްނިއާ ބައްދަލުކުރި މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ބޮސްނިއާގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ ބްރޮބޭ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް، 67 ވަނަ މިނިޓުގައި ޑެމިރޮވިޗް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.