ޚަބަރު

ސިޓީ އާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް އެއް އަހަރު އިތުރުކޮށްފިއެވެ.

އުމުރުން 51 އަހަރުގެ ގާޑިއޯލާ ސިޓީއާ ގުޅިފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ އެ ކްލަބަށް 16 މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ. ގާޑިއޯލާ އާއެކު ސިޓީން މީގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތި މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ސިޓީން ގާޑިއޯލާ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން ކޮމެންޓް ކޮށްފައިނުވާއިރު، ގިނަ މީޑިޔާތަކުގައިވަނީ އެ ވާހަކަ ރިޕޯޓްކޮށްފައެވެ. އަދި އިތުރު އަހަރެއްގައި މަޑުކުރުމަށް އެއްބަސްވުމާއެކު ސިޓީގައި ގާޑިއޯލާ 10 އަހަރު ހޭދަކުރާނެ އެވެ.

ގާޑިއޯލާ ވަނީ ސިޓީއަށް އެއް ސީޒަނެއްގައި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކުރި އިނގިރޭސިވިލާތުގެ ދެވަނަ ޓީމަށް އެ ޓީމު ހަދާފައެވެ. މީގެ އިތުރުން އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި 100 ޕޮއިންޓް ހޯދި ފުރަތަމަ ޓީމަށްވެސް ވެފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ދެވަނައިގައި ސިޓީ މި ވަގުތު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލްއާ ފަސް ޕޮއިންޓްގެ ތަފާތަކާއެކުގައެވެ. އަދި ދާދި ފަހުން އެ ޓީމު ވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައެވެ.

ސިޓީއަށް ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށްފަހު މިދިޔަ މެއި މަހު ގަޑިއޯލާ ވަނީ ސިޓީގައި ދެން އިތުރަށް މަޑުކުރުމަށްވުރެ އޭނާ އެ ކްލަބް ދޫކޮށްލުން ކައިރި ކަމަށެވެ. އަދި އެ ކްލަބުގެ ޑިރެކްޓަރ އޮފް ފުޓްބޯލްގެ މަގާމުގައި ހުރި ޒިކީ ބެގިރިސްޓިއަން އެ މަގާމުން އިސްތިއުފާ ދޭ ވާހަކަ އިއުލާން ކުރުމާއެކު ގާޑިއޯލާ ވަނީ އޭނާގެ އެއް ބައި އޭނާ ދޫކޮށްދާ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފަހަކަށް އައިސް ސިޓީއަށް ލިބިފައިވާ ދަށް ނަތިޖާތަކަކީ ގާޑިއޯލާގެ މުސްތަގުބަލާއި ގުޅިފައިވާ ނަތީޖާތަކެކެވެ.