ޚަބަރު

ޓުޗެލްއަށް އިންގްލަންޑާއެކު ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ހުރިހާ ވަސީލަތްތަކެއް އެބަހުރި: ކާސްލީ


ތޯމަސް ޓުޗެލްއަށް އިންގްލަންޑާއެކު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ޓީމަށް އެންމެ އެކަށީގެންވާ ބެލެންސް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވަގުތީ ކޯޗު ލީ ކާސްލީ ބުނެފިއެވެ.

އިންގްލަންޑްގެ ވަގުތީ ކޯޗު، ކާސްލީ މިހެން ބުނީ ރިޕަބްލިކް އޮފް އަޔަލަންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަހަރެމެންގެ އަތުގައި ހުރިހާ ވަސީލަތްތަކެއް އެބަހުރި. ހަމައެކަނި އެ ވަސީލަތްތައް ރަނގަޅު ތަރުތީބަކުން ބޭނުންކުރަން މި ޖެހޭނީ... އަދި އެކަމުގައި ހަމައެކަނި އެ ބެލެންސް ހޯދަން ޖެހޭނީ." އުމުރުން 50 އަހަރުގެ ކާސްލީ ބްރިޓިޝް މީޑިއާއަށް މައުލޫމާތުދެމުން ބުންޏެވެ.

"އަހަރެމެން މިހާރު އޮތް ހާލަތުން އެކަން ކުރެވޭނެ ކަމަށް އަހަރެން ދެކެން،"

"އެކަން ކުރުމުގެ ހުނަރު އަހަރެމެންގެ ކުޅުންތެރިންގެ އެބަހުރި." ކާސްލީ ބުންޏެވެ.

އިންޓެރިމް ކޯޗު، ކާސްލީ އާއެކު އިންގްލެންޑުން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ ފަހު މެޗުގައި މިދިޔަ އާދީއްތަ ދުވަހު ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅެ 5-0 އިން މޮޅުވެ، ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމު ހިމެނޭ ބީ ދޭއްގެ އެއްވަނަ މަގާމް ހާސިލްކޮށް، ލީގު އޭ އަށް ވަނީ ޕްރޮމޯޓުވެފައެވެ.

ކުރިން ފްރާންސްގެ ޕީއެސްޖީ އާއި ޗެލްސީ އަދި ބަޔާން މިއުނިކަށް އިރުޝާދުދީފައިވާ ޓުޗެލް އިންގްލެންޑްގެ ކޯޗުގެ މަގާމަށް އައްޔަންކުރީ މިދިޔަ މަހު އެވެ. އަދި އިންގްލެންޑާއެކު ރަސްމީކޮށް މެޗަކަށް ނިކުންނާނީ އަންނަ ޖަނަވަރީ މަހުގައެވެ.

ކާސްލީ ބުނީ، ފާއިތުވި ތިން ފީފާ ވޯލްޑް ކަޕްގައި ވެސް އިންގްލެންޑު ވާދަކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނިކުންނައިރު ކުޅުންތެރިން އެންމެ ރަނގަޅު ފޯމުގައި ތިބުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ފުރިހަމައަށް ތައްޔާރުވެފައިވާ އޮތް ރަނގަޅު ސްކޮޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އިންގްލެންޑްގެ ކުރީގެ ކޯޗު، ގަރެތު ސައުތުގޭޓް އާއެކު އެ ޓީމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވުމާއެކު، ޓުޗެލް އާއެކު ކުރިއަށް އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދެވޭނެ ކަމަށް ކާސްލީ ދެކެއެވެ.

އިންގްލެންޑުން އެންމެ ފަހުން ކާމިޔާބުކުރި ބޮޑު މުބާރާތަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އޭގެފަހުން، 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، 2024 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވަނީ އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.