ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މެންބަރުންގެ ރުހުންނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މީގެކުރިން ޤާނޫނުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެތޭރޭ ކަނޑާއި ދިވެހިރާއްޖޭގެ އާކިޕެލިޖިކް ކަނޑާއި ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުމަށްފަހުގައިކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވިއެވެ. މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް ވަނީ ފަހިވެފައެވެެ.
ނަމަވެސް މިހާރު ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާޙުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންކަމަކަށް ވަނީ ބަޔާންކޮށްފައެވެ. މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް ހަނިވާނެއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކޮށްފައިވާކަން މިސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިދިޔަ ސަރުކާރުން ޢަމަލުކުރި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.