ކުޑަކުއްޖަކާ ބަދުއަޚުލާޤީ ޢަމަލެއް ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވައިގެން، މިނިވަންކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރެއްވީ ކުޑަކުއްޖަކާ ބަދުއަޚުލާޤީ ޢަމަލެއް ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކުޑަކުއްޖަކާ ބަދު އަޚުލާގީ ޢަމަލު ހިންގި މީހަކު ދޫކޮށްލި ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށާއި އެކަމުގެ ހަގީގަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރައްވާފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވީ ދޫކޮށްލިކަމަށް ބުނާ ހއ.ހޯރަފުށީ ހާޝިމް އަބޫބަކުރަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމަށެވެ. އަދި 2022 އިން ފެށިގެން އޭނާގެ އުނަގަނޑުގެ މައްސަލައެއް ހުރެ އެކަމުގެ ވޭން ތަހައްމަލުކުރަމުން ދިޔަކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ އަމަލު ހިންގައިގެން ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލި ކަމަށްބުނެ، ސޯޝަލް މީޑިއާގެ ބައެއް އެކައުންޓުތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގެއް. އެކަމުގެ ޙަޤީޤަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެވަނީ ހާމަކުރައްވާފައި. pic.twitter.com/lAgo6hzBw8
— Heena Waleed (@MvSpokesperson) November 22, 2024
އަދި އޭނާގެ ސަރޖަރީ ރާއްޖޭގައި ކުރެވެން ނެތްކަމަށް ޑޮކްޓަރުން ލަފާދެއްވުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމުން، މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީފައިވާކަމަށް ބަޔާނުގައިވެއެވެ.
ބޭސްފަރުވާއަށްފަހު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާވަނީ މާލެ އައިސްފައިކަމަށާއި އޭނާގެ ބަލި ޙާލު ހުރިގޮތުން ޖަލުގައި ހުރެގެން ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުގެ މަތިން ފަރުވާ ކުރިއަށް ނުގެންދެވޭނެތީ، ވަގުތީގޮތުން ޙުކުމް ތަންފީޒުކުރުމަށް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި އޮންނަ އުސޫލުގެ ދަށުން އޭނާ މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި އެކަންކަމަށް އަވަސް ފިޔަވަޅު އަޅައި ޤާނޫނު ތަންފީޒުކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ މައްޗަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން ލާޒިމުކުރެއެވެ.