ޚަބަރު

އޭސީސީ އާއި އީސީގެ ރައީސާއި ނައިބު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ފާސްކޮށްފި


  • ބިލު ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުން

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ބިލުތަކުގައިވާގޮތުން އޭސީސީއާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެކޮމިޝަނެއްގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި އަމަލުކުރަމުންދާ އުސޫލު އެއް ހަމަކުރުމެވެ.

މި އިސްލާހުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރައްވާނީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނު މިހާރު އޮތްގޮތުން އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނަށްވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިގޮތަށް އޮތުމުގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށާއި އެހެނިހެން މިނިވަން މުއައްސަސާތަކާ އެއްގޮތަށް ޤާނޫނު ބަދަލު ކުރަންޖެހޭ ކަމަށް މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ.

ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައިވާގޮތުން ދެ ކޮމިޝަނުގެވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.