ޚަބަރު

މަނާ ބޭހަށް ޕޮޒިޓިވްވެ ސްވިއަޓެކް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފި


ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި ޕޮލެންޑްގެ އިގާ ސްވިއަޓެކް މަނާ ބޭހަށް ޕޮޒިޓިވްވެ އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީ އިން ބުނެފައިވާ ގޮތުގައި ސްވިއަޓެކް މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އޮގަސްޓް މަހު މުބާރާތުގެ ބޭރުން ނަގާފައިވާ ސާމްޕަލް އަކުން ކަމަށާއި އަދި އެއީ އޭނާ ބޭނުންކޮށްފައިވާ ބޭހަކުން އައިސްފައިވާ ނަތީޖާއެއް ކަމަށްވެސް އެ ފަރާތުންވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޮލެންޑްގައި އުފައްދާފައިވާ މި ބޭސް ސްވިއަޓެކް ބޭނުންކޮށްފައިވަނީ އޭނާއަށް ނިދުމުގެ މައްސަލަ ކުރިމަތިވުމުގެ ސަބަބުންނެވެ.

އެންމެ ފަހުގެ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިއަޓެކް މަނާ ބޭހަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއަށް އެއް މަސް ދުވަހުގެ ސަސްޕެންޝަނެއް ދީފައިވަނީ މި ކަމުގައި އޭނާ ގޯހެއް ހަދާފައިނުވާތީ ކަމަށް އައިޓީއައިއޭ އިން ވަނީ ބުނެފަ އެވެ. އަދި އެއް މަސް ދުވަހުގެ ސަސްޕެންޝަން ސްވިއަޓެކް ވަނީ ގަބޫލުކޮށްފަ އެވެ. އަދި މިއީ އޭނާގެ ކެރިއަރގައި ދިމާވި އެންމެ ގޯސް ތަޖުރިބާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ކުޅިވަރުގައި މަނާ ބޭސް ބޭނުންކުރުމުގެ ސަބަބުން މީގެ ކުރިން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ އަށްވެސް ވަނީ ޕްރޮވިޝަނަލް ސަސްޕެންޝަނެއް ދީފަ އެވެ. ނަމަވެސް އޭނާ ވަނީ އެ މުއްދަތުގައި ހުރިހާ މުބާރާތެއްގައި ވާދަކޮށް ބައެއް މުބާރާތްތައް ކާމިޔާބުކޮށްފަ އެވެ.

އައިޓީއައިއޭ އިން ހަމަހަމަ އުސޫލަކުން ހުރިހާ ކުޅުންތެރިންނާއިމެދު އަމަލު ނުކުރާކަމަށް ބުނެ މީގެ ކުރިން ސަރބިޔާގެ ނޯވަކް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.