ޚަބަރު

ފީފާ އެވޯޑްސްގައި މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި


ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އެ އިދާރާއިން ހާމަކޮށްފި އެވެ.

ފީފާ ބެސްޓް އެވޯޑަށް ވާދަކުރާ ފިރިހެން ކުޅުންތެރިންގެ ނަންތައް އިއުލާން ކޮށްފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މި ފަހަރު ގަދަ 11 ގައި ހިމެނިފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ އާއި އާލިން ހާލާންޑް އެވެ.

މި އެވޯޑަށް ނޮމިނޭޓްވި އެހެން ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ 6 ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ބެލޮންޑިއޯ އެވޯޑް ލިބޭނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި ބްރެޒިލްގެ ވިނިޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންހަމް, ކިލިއަން އެމްބާޕޭ, ޑެނީ ކަރްވަހާލް, ޓޯނީ ކްރޫޒް އަދި ފެޑެރީކޯ ވަލްވާޑް ހިމެނެ އެވެ.

ފީފާ ބެސްޓް އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ޔޫރަޕުން ބޭރުގައި ކުޅޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ އެކަނި އެވެ. އަދި ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ ގަދަ 11 ގައި ހިމެނިފަ އެވެ.

މި ފަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނީ ބެލޮންޑިއޯ އެވޯޑް ލިބުނު ރޮޑްރީ އާއި ވިނިޝިއަސް ޖޫނިއަރ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ފީފާ ބެސްޓް އެވޯޑް ގެ އެންމެ މޮޅު ކޯޗަކަށް ވާދަކުރަނީ ރެއާލް މެޑްރިޑްގެ ކާލޯ އެންޗެލޮއްޓީ އާއި އާޖެންޓީނާގެ ލިއޮނެލް ސްކެލޯނީ, މެންޗެސްޓަރ ސިޓީގެ ޕެޕް ގަޑިއޯލާ, ސްޕެއިންގެ ލުއިސް ޑެލަފުއެންޓޭގެ އިތުރުން ބެޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ އެވެ.

ފީފާ ބެސްޓް އެވޯޑްގައި މަގާމުތަކަށް ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ނޫސްވެރިންގެ ވޯޓާއިއެކު ސަޕޯޓަރުންގެ ވޯޓުވެސް ހިމަނައިގެންނެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ އެވޯޑް ހަފްލާ އޮންނާނީ އަންނަ ޖެނުއަރީ މަހު އެވެ.