އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނަ މަގާމު އާސެނަލުން ހޯދައިފިއެވެ.
އާސެނަލަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ބްރައިޓަން އާއި މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ ދިހަވަނަ މިނިޓުގައި އާސެނަލްގެ ގްބްރިއެލް މަގަލާއިސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ 27 ވަނަ މިނިޓުގައި އާސެނަލްއަށް ލީޑު ފުޅާ ކޮށްދީފައިވަނީ ލިއަންދްރޯ ޓްރޮސާޑް އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން މާޓިން އޮޑެގާޑް ވަނީ އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
އާސެނަލް އިން މި މެޗުގައި 4-0 ގެ ލީޑެއް ހޯދާފައިވަނީ މެޗުގެ 36 ވަނަ މިނިޓުގައި ކައި ހަވަޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް އޭގެ ދެ މިނިޓް ފަހުން ވެސްޓް ހޭމްގެ އާރޮން ވެން ބިސާކާ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ ލަނޑެއް ޖެހުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތަށް ނިމުމެއް ގެނެސްދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ވެސްޓް ހޭމްގެ އެމަސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ފަސްވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާ އެވެ.
މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް މެޗެއްގެ ފުރަތަމަ ހާފުގައި ހަތް ލަނޑު ޖެހި ހަތަރުވަނަ މެޗެވެ.