ކޯޕާ ލިބަޓަޑޯރެސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ބޮޓަފޯގޯއިން ހޯދައިފިއެވެ.
ދެކުނު އެމެރިކާ ބައްރުގެ ކްލަބް ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ކޯޕާ ލިބަޓަޑޯރެސްގެ ޗެމްޕިއަންކަން ބޮޓަފޯގޯއިން ހޯދާފައިވަނީ މެޗުގެ ގިނަ ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެ އެތުލެޓިކޯ މިނޭރޯ 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. މިއީ ބޮޓަފޯގޯގެ 123 އަހަރުވީ ދިގު ތާރީޚުގައި އެ ޓީމަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި 80 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބްރެޒިލްގެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމުގެ ދެވަނަ މިނިޓުގައި ބޮޓަފޯގޯގެ ގްރެގޯއަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ނަމަވެސް މެޗުގެ 35 ވަނަ މިނިޓުގައި ބޮޓަފޯގޯގެ ލުއިޒް ހެންރީކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބޮޓަފޯގޯ އަށް ލިބުނު ޕެނަލްޓީ އަކުން އެލެކްސް ޓެލެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބޮޓަފޮގޯ އަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފަ އެވެ.
އެއް ކުޅުންތެރިއަކު މަދުން އިދިކޮޅު ޓީމު ކުޅުމުގެ ފައިދާ ނަގާ އެތުލެޓިކޯ މިނޭރޯއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 2 ވަނަ މިނިޓުގައި އެޑުއާޑޯ ވަރްގާސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް އުންމީދު އައުކޮށްދީފަ އެވެ.
އެތުލެޓިކޯ މިނޭރޯ އިން ގިނަ ހަމަލަތަކެއް ބޮޓަފޯގޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ބޮޓަފޮގޯގެ ކީޕަރު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މެޗުގައި ބޮޓަފޯގޯ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޫނިއާ ސަންޓޯސް އެވެ.