ޚަބަރު

ފީފާގެ ކޮމިޓީގެ ނިންމުމަށް އެ އިދާރާއިން ދެކޮޅު ހަދައިފި


ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބިނާކުރި ސްޓޭޑިއަމްތަކާއި، އެހެނިހެން ތަންތަނުގެ މަސައްކަތްކުރި މީހުންގެ ތެރެއިން މަރުވެގެން ގޮސްފައިވާ މީހުންނަށް ބަދަލުދިނުމަށް އެ މައްސަލަ ބެލި ކޮމިޓީން ނިންމި ނިންމުމަށް ފީފާއިން ދެކޮޅު ހަދައިފިއެވެ.

ހިއުމަން ރައިޓް އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސަބް ކޮމިޓީ އަކުން ބެލި މި މައްސަލައިގެ ރިޕޯޓް އާންމު ކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ގިނަ ފަރާތްތަކެއް ހިމެނޭއިރު އޭގެ ތެރޭގައި އެކަމުން އެއްވެސް ފައިދާއެއް ވެފައިނުވާ ފަރާތްތަކެއް ހިމެނޭ ކަމަށާއި އެހެންކަމުން އެފަރާތްތަކަށް ބަދަލު ދިނުމަށް އެ ކޮމިޓީން ވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ފީފާއިން އެކުލަވާލާފައިވާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ލެގަސީ ފަންޑުގައި ހުރި ފައިސާ އެއްކޮށް ނުވަތަ އޭގެއިން ބައެއް އެ ފަރާތްތަކަށް ދިނުމަށްވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ފީފާއިން ލެގަސީ ފަންޑު ރަސްމީކޮށް އާންމުކުރިއިރު އެ ފަންޑުގައި ހުރި 39.4 މިލިއަން ޕައުންޑުގެ ތެރެއިން އެއްވެސް މިންވަރެއް ފީފާއިން އެ ފަރާތްތަކަށް ދީފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ މާޗް މަހު މި މައްސަލަ އެ ކޮމިޓީ އިން ބެލުމަށްފަހު ކޮމިޓީގެ ރިޕޯޓް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފީފާ އަށް ރަސްމީކޮށް ހުށައަޅާފަ އެވެ. ނަމަވެސް އެއް އަހަރު ފާއިތުވި ފަހުން އެ ރިޕޯޓް ފީފާއިން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމުގެ ބިޑް ގަތަރުން ކާމިޔާބު ކުރި ފަހުން އެ ގައުމުގައި މަސައްކަތްކުރި ދެކުނު އޭޝިޔާގެ ގައުމުތަކުގެ 6500 އަށް ވުރެ ގިނަ މަސައްކަތު މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް މުބާރާތުގެ ތެރޭގައި ގަތަރުން އޭރު ބުނެފައިވަނީ ވޯލްޑް ކަޕާއި ގުޅުންހުރި މަސައްކަތް ކުރަމުންދަނިކޮށް މަރުވެފައިވަނީ 500 އެއްހާ މީހުން ކަމަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފީފާ އަށް ވަނީ ރެކޯޑް އަދަދެއް ކަމުގައިވާ 6 ބިލިއަން ޕައުންޑުގެ އާމްދަނީ އެއް ލިބިފަ އެވެ.

ފީފާއިން އެއިދާރާގެ ކޮމިޓީ އަކުން ނިންމާފައިވާ ނިންމުމަށް އަމަލު ކޮށްފައިނުވާތީ އެކަމަށް ގިނަ ބައެއްގެ ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ އެއް އަހަރު ވަންދެން އެ ރިޕޯޓް އާންމު ނުކޮށް ފީފާއިން މަޑުކުރި ސަބަބު މިހާރު ސާފު ވެފައިވާ ކަމަށެވެ.

އަދި ގަތަރު ވޯލްޑް ކަޕްގެ މަސައްކަތް ކުރަމުންދަނިކޮށް އަނިޔާވެ އަދި މަރުވެފައިވާ ފަރާތްތަކަށް ބަދަލު ދިނުން އަވަސް ކުރުމަށްވެސް އެފަރާތުންވަނީ ގޮވާލާފަ އެވެ.