ޚަބަރު

އެހެން ބަޔަކާ ހަވާލުކޮށް، އީފާސް އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް އަލުން ފަށައިފި


  • މި ޚިދުމަތް ދޭނީ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަނެއް ބޭނުންކޮށްގެން

  • އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ ޒާތީ މައުލޫމާތެއް ހިއްސާނުކުރާނެ

ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ، އީފާސް އިން އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް އަލުން ފަށައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އައި ފަރާތް ބަދަލުކުރުމަށް މިހާތަނަށް އޮންލައިން ފޭސްވެރިފިކޭޝަން ޚިދުމަތް އޮތީ މެދުކަނޑާލާފައެވެ.

ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ، އީފާސް ބަލަހައްޓަނީ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީންނެވެ. އެ އިދާރާއިން އީފާސްގައި ބޭނުންކުރަމުންދާ އޮންލައިންކޮށް މޫނު ދެނެގަންނަ ޚިދުމަތް ނުވަތަ ފޭސް ވެރިފިކޭޝަންގެ ޚިދުމަތް ދިނުމަށް ފުރަތަމަ ހަވާލުކުރީ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް" (ސަމްސަބް) ކުންފުންޏާއެވެ. ނަމަވެސް އެ ކުންފުނިން އެ މަސައްކަތް ވަކިކޮށް އައު ބަޔަކާ މަސައްކަތް ހަވާލުކުރުމަށްފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް މިހާރު ފަށާފައިވާކަމަށް އެންއައިސީޓީން ވިދާޅުވެއެވެ.

މި ގެނައި ބަދަލާއެކު މިވަގުތު މި ޚިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށް ކަމަށާއި އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާސްއަށް ލޮގިންކޮށް ޚިދުމަތް ލިބޭނެކަމަށް އެންސީއައިޓީން ވިދާޅުވެއެވެ.

ފޭސް ވެރިފިކޭޝަން ޚިދުމަތް އަލުން ދޭން ފަށާފައިމިވަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަނެއް ބޭނުންކޮށްގެނެވެ. މި ޚިދުމަތްދޭނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގައި ކަމަށް އެއިދާރާއިން މައުލޫމާތު ދެއްވައެވެ.

ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށްވެސް ޚިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެއްކަން އެންއައިސީޓީން ފާހަގަކުރައްވައެވެ.

އެންސީއައިޓީއާ ހަވާލުވެވަޑައިގެން ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ އެ އިދާރާގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް އެ ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އަދި، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން ކަމަށެވެ. މި އަމާޒުހާސިލްކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑުއަހައި އިހުސާސްތައް ދެނެގެން ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށްވެސް ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

އީފާސްގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ޚިދުމަތް ދެވެނީ ޚިދުމަތަށް އެދޭ އަސްލު ފަރާތަށްކަން ކަށަވަރުކުރުމެވެ. މިއީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުޞަތު ހަނިކުރުމުގެ މަގުޞަދުގައި ފެށި ޚިދުމަތެކެވެ.

އޮންލައިން ފޭސްވެރިފިކޭޝަންގެ ޚިދުމަތް ތައާރަފުކުރުމުގެ ކުރިން އީފާސްގެ ވެރިފަރާތް ކަށަވަރުކުރަމުން އައީ އެކަމަށް ޚާއްސަކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓްކޮށްގެނެވެ.