ޚަބަރު

ބޮޑެތި އަދަދުތަކުން ޖޫރިމަނާތަކާއި ބަދަލު ނަގައިދެވޭ ގޮތަށް ކޮޕީރައިޓްގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ފާސްކޮށްފި


  • ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 70 އަހަރަށް ވަނީ އިިތުރުކޮށްފައި

  • 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ ބަދަލެއް ނަގައިދެވޭނެ

  • 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެ

ކޮޕީރައިޓާ ގުޅޭ ޙައްގުތައް ކަށަވަރުކުރުމަށް ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ 57 މެންބަރުންގެ ވޯޓުންނެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްގުތަކުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ކޮޕީރައިޓުގެ ހިމާޔަތްލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ ޙައްގުތަކާއި ކަންކަން އިތުރަށް ތަފްޞީލުކޮށް، ކޮޕީރައިޓަޑް އުފެއްދުންތައް ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ބަޔާންކުރުމެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާގޮތުން މި ޤާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނީ އުފެއްދުންތަކާއި ޕަފޯމަންސްތަކާއި އަޑުގެ ރެކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމަޔާތްކުރެވިގެންދާނެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަނެތި އެ މީހެއްގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އުފެއްދުމާއި ފޯރުކޮށްދިނުން މަނާވާނެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ބޭނުމުގައި އެފަދަ އުފެއްދުމެއް ހުއްދައާނުލައި ބޭނުންކުރެވިދާނެއެވެ.

މި އިސްލާހުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްވެސް ޙައްޤަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ޙައްޤަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ޙައްޤު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ޙައްޤުގެ ބޭނުންކޮށް އެފަރާތުގެ އެ ޙައްޤަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމެއްގެ ބަދަލު ހޯދުމަށް ޤާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދަޢުވާކުރުމުގެ ޙައްޤުވެސް އެފަރާތަށް ލިބިގެންދާނެއެވެ.

މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިިތުރުކޮށްފައެވެ.

ކޮޕީރައިޓުގެ ވެރިފަރާތުގެ ޙައްޤަށް އަރައިގަތުމުގެ ގޮތުން އެ ޙައްޤަށް އަރައިގަތް ފަރާތުން ޤަޞްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި ޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި އަދަބެއްގެ ގޮތުން އެފަރާތް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ޙައްގަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ ޖިނާޢީ އަދަބެއްގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ.