ޚަބަރު

ޔުނައިޓެޑް ދޫކޮށްލަން ޖެހުމަކީ ހިތްދަތި ކަމެއް: ނިސްޓެލްރޫއީ


މެންޗެސްޓަރ ޔުނައިޓެޑްގެ ދޫކޮށްލަން ޖެހުމަކީ ހިތްދަތި ކަމެއް ކަމުގައި އެ ޓީމަށް ވަގުތީ ގޮތުން ކޯޗުކޮށްދިން ވޭން ނިސްޓެލްރޫއީ ބުނެފި އެވެ.

ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ނެދަލޭންޑްސް އަށް އުފަން ނިސްޓެލްރޫއީ ބުނެފައިވަނީ އޭނާ މެންޗެސްޓަރ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަމާއި ހަވާލުވީ އެ ޓީމަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި އަދި އެންމެ ފަހު ވަގުތާއި ހަމައަށްވެސް އޭނާ ހުރީ އެ ގޮތުގައި ކަމަށެވެ. އަދި އެ ވިސްނުމުގައި ހުއްޓާ އެ ކްލަބު ދޫކޮށްލަން ޖެހުމަކީ ހިތްދަތިވި ކަމެއް ކަމަށްވެސް އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެންހާގް ވަކި ކުރުމަށްފަހު އެ ޓީމުގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވި ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މެޗަކުން ބަލިވެފައެއް ނުވެއެވެ.

ނިސްޓެލްރޫއީ ވަނީ މެންޗެސްޓަރ ޔުނައިޓެޑް އިން ވަކިކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީ ކުޅޭ ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު, ނިސްޓެލްރޫއީ ބުނެފައިވަނީ އޭނާ އެ ކްލަބާއި ހަވާލުވުމުގެ ކުރިން ގިނަ ބަޔަކާ މަޝްވަރާ ކުރި ކަމަށެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ލެސްޓަރ ސިޓީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު ބަލިވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން އެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ 16 ވަނައިގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބެރެންޓްފަޑް އަތުން 4-1 ގެ ނަތީޖާއަކުން ލެސްޓަރ ސިޓީ ބަލިވި މެޗު ބަލާފައިވާ ނިސްޓެލްރޫއީ ބުނެފައިވަނީ އެ ކްލަބުގައި އޭނާ ކުރަން ޖެހޭ ކަންތައްތައް ވަރަށް ސާފު ކަމަށާއި އަދި އެކަންތައްތައް ކުޅުންތެރިންނަށް ސާފުކޮށްދިނުމުގެ ގޮތުން އިއްޔެ ކުޅުންތެރިންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ނިސްޓެލްރޫއީ ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.