ކުޅިވަރު

ލީގުގައި ޖެހިޖެހިގެން ހޯދީ އަށްވަނަ މޮޅާއެކު އެޓަލާންޓާ ދެވަނައަށް


އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އޭއެސް ރޯމާ 0-2 އިން ބަލިކޮށް، އެޓަލާންޓާ އިން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން އެޓަލާންޓާ މޮޅުވި އަށްވަނަ މެޗެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައެއްނުވެއެވެ. އެޓަލާންޓާ އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ ސެޕްޓެންބަރު މަހު އަމިއްލަ ދަނޑުގައި ކޯމޯ އަތުން 3-2 އިންނެވެ. އަނެއްކޮޅުން، ރޯމާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެވެ.

ރޭގެ މޮޅާއެކު އެޓަލާންޓާ ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ނާޕޮލީއާ ޕޮއިންޓަކާއި ގާތަށް ޖެހިލައިފައެވެ. ނާޕޮލީ އެއްވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާ އަށް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އިންޓަރމިލާނާއި ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި ހަފްތާގައި މި ދެ ޓީމު ބައްދަލުކުރަން އޮތް މެޗުގައި ފިއޮރެންޓީނާގެ މިޑްފީލްޑަރު، އެޑޮއާޑޯ ބޯވް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ވަނީ އެ މެޗުގެ ކުޅުން ހުއްޓާލައިފައެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެޓަލާންޓާގެ ފުރަތަމަ ލަނޑު، 69 ވަނަ މިނެޓުގައި ކެޕްޓަން، މާޓެން ޑެ ރޫން ކާމިޔާބުކޮށްދިންއިރު، މި މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ނިކޮލޯ ޒަނިއޯލޯ އެވެ. މިއީ ލީގުގައި ޒަނިއޯލޯ ޖެހި ފުރަތަމަ ގޯލެވެ.

މިއީ ރޯމާގެ އައު ކޯޗު، ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗެވެ. އޭގެތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ. އެއީ، ލީގުގައި ނާޕޮލީ އާއި އެޓަލާންޓާ އަތުންނެވެ. އެ ޓީމު އެއްވަރުވީ ޔުއެފާ ޔުރޮޕާ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރއާ އެވެ.

ރޯމާގެ ދަށް ނަތީޖާތަކަށްފަހު ލީގުގައި އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނާ ދެ ޕޮއިންޓް ކައިރީގައި ތާވަލްގެ 15 ވަނައިގަ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.