ޤައުމެއް ކުރިއަރައި ތަރައްޤީވާނީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުން އެ ޤައުމުގެ ކުރިމަގަށް ކުރާ މަސައްކަތުން ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގޮތަށް ކުރެވޭ ކޮންމެ މަސައްކަތަކީ އަގަކަށް ކުރެވޭ މަސައްކަތަކަށް ނުވެދާނެއެވެ. އަދި މިއިން ކޮންމެ މަސައްކަތަކުން ތިމާ މީހާއަށް ފައިދާއެއްވެސް ނުކޮށްފާނެއެވެ. އެހެންނަމަވެސް މުޅި މުޖްތަމަޢުގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތުގައި ދަރުމަވެރިންގެ އަގު ވަޒަން ކުރަން ޖެހެއެވެ.
ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކުން ފެންނަން އޮތް އެއް ހަޤީޤަތަކީ އިންސާނީ ކަރާމަތް ރައްކާކުރުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައިވަނީ އަބަދުވެސް ދަރުމައަށް މަސައްކަތް ކުރާ މީހުން ކަމެވެ. ހަނގުރާމަތަކުގައި ޒަޚަމްވާ މީހުން ހޯދާ ސަލާމަތް ކުރުމުން ފެށިގެން ގޮސް، ކާރިސާތަކުގައި އެންމެ ނާޒުކު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ދިއްކޮއްލާ އެއް ބަޔަކީ ދަރުމަވެރިންނެވެ.
ދަރުމައަށް އެދިގެން މަސައްކަތްކުރާ "ދަރުމަވެރިންގެ ދުވަސް" ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަން ނިންމީ، އދ.ގެ އިސްނެގުމުގެ ދަށުން 17 ޑިސެމްބަރު 1985 ގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އެފަދަ ފަރާތްތަކުން އެކުރާ އަގުނުކުރެވޭ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
ދަރުމަވެރިންގެ ބޭނުންތެރިކަމާއި އެމީހުންގެ ސަބަބުން މުޖުތަމައަށްކުރާ ފައިދާ ގިނަ ފަރަހަށް ވަޒަންކުރެވެނީވެސް ކާރިސާގެ މިފަދަ ދަނޑިވަޅުތަކުގައެވެ. އާބާދީ ކުޑަ މި ދިވެހިރާއްޖެއިންވެސް އިންސާނިއްޔަތަށްޓަކާ އެކަކު އަނެކަކަށް އެހީތެރިވުމުގެ މި ރީތި މިސާލު އެތައް ގޮތަކުން ދަނީ ފެންނަމުންނެވެ. އެގޮތުން ސުނާމީ ކާރިސާއާއި ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާއާއި ކޯވިޑް 19އަކީ ދިވެހިން މިކަމުގައި ނަމޫނާ ދެއްކި ކަންކަމެވެ.
މީގެ އިތުރުން މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައިއާއި އެހެންވެސް އިޖްތިމާޢީ އެތައް ހަރަކާތެއްގެ ދިވެހި ދަރުމަވެރިންގެ ދައުރުވަނީ ފެނިގެން ގޮސްފައިވެއެވެ. ފެން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ދަރުމަވަރިން ގިނައެވެ.
މީގެ އިތުރުން ކޯވިޑު ޢާލަމީ ވަބާގެ ތެރޭގައި ދިވެހި ރާއްޖޭގެ ގިނަ މުޢައްސަސާތަކަށް، އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން އެއްބަޔަކީ ދަރުމަވެރިންނެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހަމައެކަނި ކޯވިޑުގެ ހާލަތުގައި 500 އަށް ވުރެގިނަ ދަރުމަވެރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.
ދަރުމަވެރިން ފެންނަނީ ކާރިސާތަކުގެ ވަގުތު އެކަންޏެއް ނޫނެވެ. ރާއްޖޭގައި ހިންގޭ އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައިވެސް އިސް ސަފުގައި ހަރަކާތްތެރިވަނީ ދަރުމަވެރިންނެވެ.
ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބޭ ކޮންމެ ފުރުސަތަކީވެސް، އެންމެ ކުރީ ސަފުގައި ނިކުންނަންޖެހޭ ފުރުސަތެއްގެ ގޮތުގައި ބަލަންޖެހެއެވެ. އެއީ ކުރިމަގު ބިނާވެ އަމިއްލަ ނަފްސަށް އިތުބާރު ހޯދުމަށް ލިބޭ ފަހި ފުރުސަތެކެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދަރުމަވެރިންނަށް އެތައް ތަމްރީނެއް ހިންގައެވެ. ދަރުމަވެރިން ހުނަރުތައް ތަރައްޤީކޮށް މުޖްތަމަޢުގައި ބޭނުން ހިފޭ ބަޔަކަށް ހެދުމަށް އެތައް މަސައްކަތްތަކެއް ކުރެވެއެވެ.
ރާއްޖޭގައި ދަރުމައަށް އެދިގެން މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތަކީ "ދިވެހި ރެޑް ކްރެސެންޓް"އެވެ. ސުނާމީއަށްފަހު ޤާނޫނެއްގެ ދަށުން އުފެއްދި މި ޖަމިއްޔާއަކީ އެކި ހާދިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުފެއްދި ޖަމިއްޔާއެކެވެ. އެޖަމްއިއްޔާއިން ކުއްލި ޙާލަތްތަކާއި ކާރިސާތަކުގައި ޢަމަލު ކުރާނެ ގޮތުގެ ތަމްރީންތައްވެސް ދަނީ ދެމުންނެވެ.
ދިވެހި ރެޑް ކްރެސެންޓްގެ އިތުރުން ރާއްޖޭގައި އެކި ކަހަލަ ބަލިތައް ތަޙައްމަލުކުރާ މީހުންނަށް އެހީވާ ވޮލަންޓިއަރ ސަޕޯޓް ގްރޫޕްތަކާއި، ނިކަމެތި އާއިލާތަކަށް އެހީވުމުގައި މެދުނުކެނޑި މަސައްކަތްކުރާ މިފަދަ އެތައް ޖަމިއްޔާތަކާއި މީހުންނެއް މިއަދު މުޖުތަމަޢުގައި އެބަތިއްބެވެ. އަދި ރާއްޖޭގެ އިތުރަށް ރާއްޖެއިން ބޭރުގެ އިސްލާމީ ޤައުމުތަކާއި، ދިވެހި އެކުވެރި ޤައުމުތަކަށް ދިމާވި އެކި ކާރިސާތަކުގައި ދިވެހި މުޅި މުޖުތަމަޢު، ދަރުމަވެރިންގެ ގޮތުގައި ވަނީ އެހީތެރިކަން ދީފައެވެ.
ދިވެހި ރެޑް ކްރެސެންޓުން ވިދާޅުވި ގޮތުގައި ދަރުމައަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖެ ފަދަ ކުދި ގުޅިލާމެހިފައިވާ މުޖްތަމަޢެއްގައި މުހިންމު ކަމެކެވެ. އަދި މިއީ މުޖްތަމަޢު ތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް އެކި ދާއިރާގެ އެކި ފަންނުތަކުގެ މީހުން ގުޅުވައިދީ އަޅާލުން އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.