ނިމިދިޔަ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތައް މަޑުޖެހުމެއް ނެތި، ކުރިއަށްވުރެ ބާރު ސްޕީޑުގައި ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ސާބިތުކޮށްދެއްވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވިި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ރިޔާސީ މެނިފެސްޓޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ލާބައާއި މަންފާއަށް ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައްވާނެކަމަށެވެ. އަދި އެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށްގެންދާނީ ކުރިއަށްވުރެ ބާރު ސްޕީޑުގައި ކަމަށާއި އެއަށް ބޭނުންވާ ފައިސާ ހަމަޖައްސައި ރައްޔިތުންގެ ޙައްގުގައި އެ މަޝްރޫއުތައް ނިންމަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އއ. އުކުޅަހުގައި އަލަށް ހުޅުވި ފުޓުބޯޅަ ދަނޑަކީވެސް ރައީސުލްޖުމްހޫރިޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް މަޝްރޫއުތައް ކުރިއަށްގެންދާކަމުގެ ހެއްކެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ޒުވާނުން ބޭނުންވާ އެތައް ކަމެއް އެބަހުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެކަންކަމުގައި ޒުވާނުން އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު އެކަންކަމަށް ސަރުކާރުން ހައްލު ހޯދައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޒުވާނުންގެ ފަރާތުން އެދޭ އެދުމަކީ ޒުވާނުން ބޭނުންވާ ކަންކަން ޒުވާނުން އެދޭށޭ. ޒުވާނުން އަޑުއުފުލަދޭށޭ. އެއީ ޒުވާނުން ޒުވާނުންގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަގޮތޭ. އެއީ އަޅުގަނޑުމެންގެ ޤައުމުގެ ހަކަތަ. އެ ހަކަތައިގައި ވަރުނެތިކަމުގައިވާނަމަ އަޅުގަނޑުމެންގެ ޤައުމެއް ނުހިނގާނެ،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އުކުޅަހުގެ ޒުވާނުންގެ ކަންބޮޑުވުންތަކަށްވެސް ސަރުކާރުން ހައްލު ހޯދައިދެއްވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި މިހާރުވެސް ވީރާނާވެފައިވާ ކުޅިވަރު ދަނޑުތައް އެބަހުރިކަމަށާއި އެ ދަނޑުތައްވެސް މި ސަރުކާރުން ތަރައްގީކޮށް ނިންމަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.