ޚަބަރު

ބޭނުންވާ ލުއިތައް ލިބިއްޖެނަމަ، 2027އާ ހަމައަށް ފެނަކައިގެ ހުރިހާ ދަރަންޏެއް ޚަލާސްކުރެވޭނެ: މުޢާޒް


  • ކުންފުންޏަށް މަހަކު 213 މިލިޔަން ރުފިޔާ ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ޚަރަދުވޭ

  • ނަރުދަމާ ސަބްސިޑީ އިތުރުކުރަންޖެހޭ

ކުންފުނިން ބޭނުންވާ ލުއިތައް ލިބިއްޖެނަމަ 2027ވަނަ އަހަރާ ހަމައަށް ހުރިހާ ދަރަންޏެއް ދައްކައި ނިމޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައު މެނޭޖްމަންޓް ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ. މީގެ ސަބަބުން ކުންފުނިން ކުރަންޖެހޭ ޚަރަދުތައް އިތުރުވެ ކުންފުނީގެ މާލީހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ނަގައި ބޮޑު އިންޓްރެސްޓެއްގައި ލޯނުތައް ނެގުމާއި ނުދައްކާހުރި ތެޔޮ ބިލުތަކަށް ކޮންމެ މަހަކު ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުންފުންޏަށް މަހަކު ޖުމްލަ 213 މިލިޔަނެއްހާ ރުފިޔާ ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހިފައިވާ ކަމަށް މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ގެނެވިދާނެ ހައްލުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަން ކުންފުންޏަށް ލިބޭ އާމްދަނީންއެކަނި ނުކުރެވޭނެ ކަމަށެވެ. އެގޮތުން، ނަރުދަމާއަކީ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތަކަށްވީ ނަމަވެސް ބޮޑެތި ޚަރަދުތަކެއް ކޮންމެ މަހަކުވެސް ކުރަންޖެހޭއިރު، އެކަމަށް އެކަށީގެންވާ ސަބްސިޑީއެއް ލިބެންޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

"މި އިތުރުވާ 85 މިލިޔަން ރުފިޔާ ފޫބެއްދުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ އެއްކަމަކީ ފުރަތަމަ ކަމަކަށް އަޅުގަނޑު މިދެންނެވީ ނަރުދަމާ ސަބްސިޑީގެ ގޮތުގައި މިހާރު ލިބޭ 11.3 މިލިޔަން ރުފިޔާގެ ބަދަލުގައި ޖުމްލަ އެއަށް ޚަރަދުވެއޭ 35 މިލިޔަން ރުފިޔާ. އެހެންވީމަ އެފައިސާ އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. ދެން 30 މިލިޔަން ރުފިޔާ އެބަހޭދަވޭ ލޯނުތަކަށް އޭގެ ތެރެއިން ފިނޭންސް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާތައް 3 އަހަރަށް މަޑުކޮށްލަދިނުން،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އެމްއައިބީން ނަގާފައިވާ 400 މިލިޔަން ރުފިޔާގެ ދެ ލޯނު ރިސްޓްރަކްޗަރ ކުރުމުގައި މާލީ ވުޒާރާގެ އެހީތެރިކަން ބޭނުންވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ދައްކަންޖެހޭ ފައިސާ މަހުން މަހަށް ލިބޭގޮތް ހެދުމަކީވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ މި ހައްލުތަކާއެކު 2027ވަނަ އަހަރާ ހަމައަށް ފެނަކައިގެ ދަރަނި ދައްކައި ނިންމާލެވޭނެ ކަމަށެވެ.