ޚަބަރު

"މޫސުމީ ބަދަލުތަކުން ކުރާ އަސަރުގެ ސަބަބުން ރައްޔިތުން ދިރިއުޅޭ ރަށް ބަދަލުކުރުމާ ސަރުކާރުން ދެކޮޅު"


  • ބައިނަލްއަގުވާމީ މުޖުތަމަޢުން ރާއްޖެއަށް އެހީވާންޖެހޭ

މޫސުމީ ބަދަލުތަކުން ކުރާ އަސަރުގެ ސަބަބުން ރައްޔިތުން ދިރިއުޅޭ ރަށް ބަދަލުކުރުމާ ސަރުކާރު ދެކޮޅު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގައި ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ.ގެ އާންމު މަޖިލީހުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލައިގައި ކުރިއަށްދާ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ޤައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް އައިސީޖޭއިން ވަނީ ހުޅުވާލާފައެވެ.

މި ފުރުޞަތުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި ރާއްޖެފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ އަސަރުތަކަށް ރާއްޖެއަކީ ނާޒުކު ޤައުމެއް ކަމަށާއި އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަންޖެހުމަކީ ދިވެހި ސަރުކާރުން ދެކޮޅު ކަމެއް ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވެފައިވާއިރު 2004ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށުގެ މުޅި އާބާދީ އެހެން ރަށްތަކަށް ބަދަލުކޮށްފައިވެއެވެ. އަދި އެ ކާރިސާގައި ގެދޮރުގެއްލުނު މީހުން މާލޭގެ އިތުރުން އެހެން ބައެއް ރަށްތަކަށް ދިރިއުޅުން ބަދަލުކުރަންޖެހުނެވެ.

އައިސީޖޭގައި ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމާއި ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބުގެ އޮފީހުން ދެއްވައެވެ.